ޚަބަރު

ކޯވިޑް-19އާ ގުޅޭ މަރުތަކުގެ އަދަދު ރަޝިއާގައި 820,000 އިން މައްޗަށް


ކޯވިޑް-19އާ ގުޅިގެން ރަޝިޔާގައި މަރުވި މީހުންގެ އަދަދު 820,307 އަށް އަރާ ކަމުގައި އެ ޤައުމުގެ ތަފާސްހިސާބުތައް ބަލަހައްޓާ މައި އިދާރާ ކަމުގައިވާ ރޮސްސްޓެޓްއިން ހާމަކޮށްފިއެވެ. އެ އިދާރާއަކީ، ސަރުކާރުގެ ނުފޫޒު ނުހިނގާ، މިނިވަންކަމާ އެކު ހިންގާ އިދާރާއެކެވެ.

ރަޝިޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން، ކޮވިޑްގެ މަރުތަކާ ގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތު ޢާންމު ނުކުރާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އަދި، މި ކަމާ ގުޅިގެން ރޮސްސްޓެޓްގެ ބައެއް އިސްވެރިން އިސްތިޢުފާ ދީފައި ވެސް ވެއެވެ. ރަޝިޔާގެ ސަރުކާރުން ޢާންމުކޮށްފައިވާ ނަންބަރުތަކަށް ބަލައިލާއިރު، މި ބަލީގައި އެ ޤައުމުން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 382,651 ގައެވެ.

ރޮސްސްޓެޓްއިން އެންމެ ފަހުން ޢާންމު ކޮށްފައިވާ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި، ޖޫން މަހު އެކަނިވެސް މި ބަލީގައި 4,991 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް، މިއީ މޭ މަހާ އަޅައިބަލާއިރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަށް އަދަދެކެވެ.

މި ބަލީގައި މޭ މަހު ރަޝިޔާގައި މަރުވި މީހުންގެ އަދަދު 7,098 އަށް އަރައެވެ. 2015 އާއި 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ އަޅައިބަލާއިރު، ރަޝިޔާގައި 965,000 އިތުރު މަރު ރެކޯޑު ކުރެވިފައިވެއެވެ. މި މަރުތައް ރެކޯޑު ކުރެވިފައި ވަނީ 2020 އޭޕްރީލާއި 2022 ޖޫންއާ ދެމެދުގައެވެ. ހުސްވި ހަފުތާގެ ތެރޭގައި ރަޝިޔާގައި ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 17,000 އިން މައްޗަށް އަރާފައެވެ. އޮގަސްޓު 3 ގައި އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު 17,126 އަށް އަރައެވެ. އޭގެ ކުރީ ދުވަހު، މި އަދަދު ހުރީ 14,600 ގައެވެ.