ޚަބަރު

ހުޅުމާލޭގައި ސިލްސިލާ ހެލްތު ސްކްރީނިން ކޭމްޕްތަކެއް


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސް ގުޅިގެން ހުޅުމާލޭގައި ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައެވެ.

އެޗްޑީސީން ވިދާޅުވީ ހެލްތު ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން ހަކުރު ޗެކް ކުރުމާއި، ލޭގެ ޕްރެޝަރ ޗެކް ކުރުމާއި އާއްމު ސިއްޙަތާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަމަށެވެ. އަދި ސިއްޙަތަށް ރަނގަޅު ކާނާ ބޭނުންކުރުމާއި ކަސްރަތުކުރުންފަދަ އާދަތަކާއި ގުޅޭ މަޢުލޫމާތުވަނީ ފޯރުކޮށްދީފައެވެ.

ހުޅުމާލެ ބީޗް ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުގެ މީހުންވަނީ ބައިވެރިވެފައެވެ.

ހެލްތު ސްކްރީނިން ޕްރޮގްރާމް ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް އެޗްޑީސީއާއި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސްއިން ވަނީ ރާވާފައެވެ. އެގޮތުން ކޮންމެ މަހަކު ދެ ފަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. ހުޅުމާލޭ ފޭސް 1ގެ އިތުރުން، ފޭސް 2ގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.