ކުޅިވަރު

ޕެލަސް ބަލިކޮށް އާސެނަލުން މޮޅަކުން ލީގު ފަށައިފި


އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނުގެ ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލަސް އަތުން އާސެނަލް މޮޅުވެއްޖެއެވެ.

އާސެނަލުން މިމެޗް ކާމިޔާބުކުރީ ރަށުން ބޭރުގައި ކުޅެ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕެލަސްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ދެޓީމުންވެސް ހަމަލާ އުފައްދާފައިވަނީ ހަމަހަމަ ކޮށެވެ.

މިމެޗް އާސެނަލްއިން ފެށީ ވަރަށް ފޯރިއާއެކުއެވެ. އަދި ނަތިޖާއަކަށް ވެގެންދިޔައީ މެޗްގެ 20 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގުމެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ގެބްރިއެލް މާޓިނެއްލީއެވެ.

މިމެޗްގައި ޕެލަސްއަށް މެޗްގެ ތެރެއަށް ވަދެވޭވަރުވީ ފުރަތަމަ ހާފް ނިމެން އުޅެނިކޮށެވެ. އަދި އެއަށްފަހު ޕެލަސްއިންވެސް ވަނީ ނުރައްކާތެރި ދެތިން ހަމަލާ އުފައްދާ އާސެނަލްގެ ގޯލަށް ފޮނުވާލާފައެވެ.
މިމެޗްގައި އާސެނަލްގެ ދެވަނަ ލަނޑަކީ ބުކާޔޯ ސާކާ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅައެއް ޕެލަސްގެ މާރކް ގުއޭހީ ގައިގާ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ކާމިޔާބީއަށް ބެނުންވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށެވެ. އަދި މިފަހަރު އާ ސީޒަނަށް ހުރިހާ ކުޅުންތެރިން ފަރިތަކުރަން ފެށީއްސުރެ ކުޅުންތެރިންގެ ކިބައިން މިކަން ފެންނަމުން ގޮސްފައިވާކަމަށްވެސް އޭނާ ހާމަކުރިއެވެ. ޕެލަސްގެ ކޯޗް ޕެޓްރިކް ވިއޭރާ ހާމަކުރާގޮތުގައި އޭނާގެ ޓީމް އަދި މުޅިން ހަމައަކަށް ނޭޅެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ޕްރީ ސީޒަންގައި ބައެއް ކުޅުންތެރިންނަށް ބައިވެރި ނުވެވުމާއި އެހެން ބައެއް ކުޅުންތެރިން އަނިޔާގައި ތިބުމެވެ.