ޚަބަރު

ޕުޓިންނާއި އުރުދުޣާނުގެ ބައްދަލުވުމުގައި ޔޫކްރެއިނުގެ ވާހަކައެއް ނުދައްކަވާ


ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ރަޝިޔާގެ ސޯޗީއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވައިފިއެވެ. މިއީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި މި ދެ ބޭފުޅުންގެ މެދުގައި ބޭއްވި ދެ ވަނަ ބައްދަލުވުމެވެ. ދެ ބޭފުޅުން ވަނީ އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ދަތުރުފުޅެއްގައި ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.

ސޯޗީގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އުރުދުޣާން ވިދާޅުވީ ސޫރިޔާގެ މައްސަލައާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމުގައެވެ. އަދި، ރަޝިޔާއާއި ތުރުކީ ވިލާތާ ދެމެދު ސިޔާސީ ދާއިރާއިން ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ދޭދޭ ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަން އުރުދުޣާން ސާފުކޮށް ދެއްވާފައެއް ނުވެއެވެ. ނަމަވެސް، ސޫރިޔާގެ މައްސަލައިގައި ދެކެވުނު މަޝްވަރާތަކާ އެކު އެ ސަރަޙައްދުގައި ޞުލްޙަ ޤާއިމު ކުރަން ލުއިތަކެއް ލިބިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސޫރިޔާގެ ދާޚިލީ މަސްރަޙަށް ބަލައިލާއިރު، ތުރުކީ ވިލާތަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވެދޭ ޤައުމެކެވެ. އަނެއްކޮޅުން، ރަޝިޔާއަކީ، އަސަދުގެ ސަރުކާރު ދަމަހައްޓަން އޭނާއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެވެ.