ޚަބަރު

ޕާކިސްތާނުގައި ފެންބޮޑުވެ 550 މީހުން މަރުވެއްޖެ


ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 550 އަށް އަރައިފިއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގައި ބަލޮޗިސްތާން ޕުރޮވިންސަށެވެ.

ބަލޮޗިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ޢާއިލާއެއް ހާލުގައި ޖެހިފައިވާ އިރު، ހާލުގައި ޖެހިފައިވާ މީހުންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ އޭޖެންސީތަކާއި އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ހާލުގައި ޖެހިފައިވާ ޢާއިލާތައް ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނައަށް ނުރައްކާވެފައިވާ އިރު، 46,200 އަށްވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށް، ގެއްލުން ލިބިފައިވާ ކަމުގައި ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނެއެވެ.

"ސަރުކާރަށް ކުޅަދާނަވި މިންވަރަކުން، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މި ދަނީ މަސައްކަތް ކުރަމުން،" ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަޙައްދުތައް ބައްލަވައިލެއްވުމަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް، ބަލޮޗިސްތާނުގެ ސަރުކާރުން ބުނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރަށް ފައިސާ ބޭނުންވާ ކަމުގައެވެ.

އެ ޕުރޮވިންސުގެ ޗީފް މިނިސްޓަރ ޢަބްދުލް ޤުއްދޫސް ބެޒެންޖޯ ވިދާޅުވީ އެ ޕުރޮވިންސުގެ ހުރިހާ އަވަށަކުން ކާބޯތަކެތި ހުސްވެފައިވާ ކަމުގައެވެ. އަދި، ފެންބޮޑުވެ މަގުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ބައެއް އަވަށްތައް މުޅިން ބަންދުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފާއިތުވި 30 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު އެވުރެޖުކޮށް ވާރޭ ވެހުނު މިންވަރަށް ވުރެ 130 އިންސައްތަ އިތުރަށް ހުސްވި މަހެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އެކި ސަރަޙައްދުތަކަށް ވާރޭ ވެހިފައިވާ ކަމުގައި އެން.ޑީ.އެމް.އޭ.އިން ބުނެއެވެ. އަދި، ބަލޮޗިސްތާނަށް 300 އިންސައްތައަށް ވުރެ އިތުރަށް ވަނީ ވާރޭ ވެހިފައެވެ.