ޚަބަރު

ޔަހޫދީން ޣައްޒާއަށް ދިން ޙަމަލާތަކުގައި ހަތް މީހުން ޝަހީދުވެއްޖެ


ޔަހޫދީންގެ ފައުޖުތަކުން ޣައްޒާއަށް ބޮން އަޅައި ފަލަސްތީނުގެ ހަތް މުސްލިމުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީންގެ ވަރުގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަސް އަހަރުގެ ކުއްޖެއް ވެސް ހިމެނެއެވެ. އަދި، މި ހަމަލާތަކުގައި 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ބުނެއެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދުގެ އިސް ލީޑަރެއް ކަމުގައިވާ ތައިސީރު އަލްޖާބަރީ ވެސް ހިމެނެއެވެ. މީގެ ހަތަރު ދުވަސް ކުރިން ޔަހޫދީންގެ ސިފައިން ވަނީ ޣައްޒާއަށް ވަދެނިކުމެ ވާން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ.

އޮގަސްޓު 1 ވަނަ ދުވަހު ޔަހޫދީންގެ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި ހިންގި ޢުދުވާނެއްގައި އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ބައްސާމް އަލްސާދީ ހައްޔަރު ކޮށްފައެވެ. އަދި، ޣައްޒާ ބަންދު ކޮށްފައި ވަނީ، އޭނާ ހައްޔަރު ކުރުމާ ގުޅިގެން ފަލަސްތީނުގެ ޖިހާދީ ޖަމާޢަތްތަކުން ދީފާނެ ބަދަލު ހިފުމުގެ ހަމަލާތައް ހުއްޓުވުމުގެ ގޮތުން ކަމުގައި ޔަހޫދީ ސިފައިން ބުންޏެވެ.

އަލްޖާބަރީ ޤަތުލުކޮށްލުމާ ގުޅިގެން އިސްލާމިކް ޖިހާދުން ވަނީ ބަދަލު ހިފާނެ ކަމަށް ބުނެ، އިސްރާޢީލަށް ވަރުގަދަ އިންޒާރެއް ދީފައެވެ. "ތެލްއަވީވާއި އިސްރާޢީލުގެ އެހެން ރަށްތަކަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދޭނަން،" ޔަހޫދީންނަށް އިންޒާރު ދެއްވަމުން އިސްލާމިކް ޖިހާދުގެ އިސް ލީޑަރު ޒައިދު އަލްނަޚްލާ ވިދާޅުވިއެވެ.

2009 ވަނަ އަހަރުގެ ފަހުން ޔަހޫދީން ވަނީ ފަސް ފަހަރެއްގެ މަތިން ޣައްޒާއަށް އަރައި ވަރުގަދަ އުދުވާންތަކެއް ހިންގާފައެވެ. ޔަހޫދީންގެ ފައުޖުތަކުން އެންމެ ފަހުން ޣައްޒާއަށް އަރައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާފައި ވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަދި، 11 ދުވަހަށް ދެމިގެންދިޔަ މި ޤަތުލުޢާންމުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ މުސްލިމުން ޝަހީދުކޮށްލިއެވެ.