ޚަބަރު

ޒަވާހިރީ މަރާލުމުން އަފްޣާނިސްތާނުގައި މުޒާހަރާކޮށްފި


އަލް ޤައިދާގެ އިސް ލީޑަރު އައިމަން އަލްޒަވާހިރީ މަރައިލުމާ ގުޅިގެން އެ ކަމާ ނުރުހުން ފާޅުކޮށް، އަފްޣާނިސްތާނުގެ ރައްޔިތުން މުޒާހަރާ ކޮށްފިއެވެ. ޒަވާހިރީ މަރައިލާފައި ވަނީ ވެރިރަށް ކާބުލްގެ ރަށްބޭރުގައިވާ ޝޭރްޕޫރުގެ ގެއެއްގައި ހުއްޓާ އެމެރިކާގެ އަސްކަރިއްޔާއިން ދިން މިސައިލް ހަމަލާއެއްގައެވެ.

އެމެރިކާއާއި މި ހަމަލާއާ ދެކޮޅަށް އަޑުއުފުލުގެ ގޮތުން އަފްޣާނިސްތާނުގެ ހަތް ޕުރޮވިންސެއްގައި މުޒާހަރާތަކާއި ހިނގައިލުންތައް ބާއްވާފައިވެއެވެ. މި މުޒާހަރާތައް ފެށުނީ، ޒަވާހިރީ ކާބުލްގައި ދިރިއުޅޭ ކަން އެނގިފައި ނެތް ކަމުގައި ތާލިބާނުން ބުނުމާ ގުޅިގެންނެވެ.

ޒަވާހިރީ މަރައިލާފައި ވަނީ އެމެރިކާއިން އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެން ދިން ހަމަލާއެއްގައެވެ. މިއީ، އަލް ޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން މަރިލިފަހުން އެ ޖަމާޢަތަށް ލިބުނު އެންމެ ބޮޑު ގެއްލުމުގެ ގޮތުގައި އެމެރިކާއިން ސިފަ ކުރެއެވެ.

ޒަވާހިރީ ކާބުލްގައި ދިރިއުޅެމުން ގޮސްފައިވާ ކަމުގެ އެއްވެސް މަޢުލޫމާތެއް އެނގިފައި ނުވާ ކަމަށް ތާލިބާނުން ބުނެފައި ވީ ނަމަވެސް، އެމެރިކާއިން ވަނީ ތާލިބާނުން އޭނާއަށް ހިމާޔަތްދީފައިވޭތޯ ސުވާލު އުފައްދާފައެވެ. އަދި، އެމެރިކާއާއި ތާލިބާނުންނާ ދެމެދު 2020 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމާ އެ ޖަމާޢަތުން ޚިލާފުވެފައިވާ ކަމަށް ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.

މިޞްރަށް އުފަން ޒަވާހިރީއަކީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ދިން ޓެރެރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. މަތިންދާބޯޓުތަކެއް ހައިޖެކުކޮށްގެން ދިން މި ހަމަލާގައި 3,000 ވަރަކަށް މީހުން މަރުވިއެވެ. މިއީ، އެމެރިކާގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެވެ.