ދުނިޔެ

ޠާލިބާނުންގެ ސަބަބުން މަޝްވަރާތަކަށް ހުރަސްއެޅިގެން ނުވާނެ


ޠާލިބާން ޖަމާޢަތުން ޙަމަލާތައް ދެމުންދިޔަ ނަމަވެސް، ސުލްޙައިގެ މަޝްވަރާތަކަށް އޭގެން އެއްވެސް ބުރުލެއް އެރިޔަދީގެން ނުވާނޭކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވެއްޖެއެވެ. ކަރބީ މިމޭރުމުން ވިދާޅުވީ އިއްޔެ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ދިން ޓެރަރިސްޓު ޙަމަލާގެ ޒިންމާ ޠާލިބާން ޖަމާޢަތުން އުފުލުމާއި ގުޅިގެންނެވެ. މި ޙަމަލާގައި 9 މީހުން މަރުވެ، 20 މީހުންނަށް އަނިޔާވެފައިވެއެވެ.ކަރބީ ވިދާޅުވީ އަފްޣާނިސްތާނުގެ މައްސަލައަކީ ނާޒުކު މައްސަލައެއް ކަމަށާއި އެޤައުމަކީ އަމާން ޤައުމެއް ނޫން ކަމަށެވެ. އެހެންކަމުން، ޤައުމަށް ސުލްޙަ ގެނައުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަން ފާހަގަކުރައްވައި، ކަރބީ ވިދާޅުވީ ސަރުކާރާއި ޠާލިބާން ޖަމާޢަތުން ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އިއްޔެގެ ޙަމަލާއާއި ގުޅިގެން، ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމާއި މެދު ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.