ޚަބަރު

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ޓީޗަރުންތަކެއް ސަސްޕެންޑްކޮށްފި


ފުލުހުން ބަލަމުންދާ މައްސަލައެއްގައި ޝާމިލުވާ މުދައްރިސުންގެ މަޢުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައެޅުމާ ގުޅިގެން، މައްސަލައިގަ ތުހުމަތުކުރެވޭ މުދައްރިސުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައިގައި ޝާމިލްވާ މީހުންގެ މަޢުލޫމާތު، ފުލުހުންގެ އިދާރާއިން އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކުރުމާއެކު ވަގުތުން ފިޔަވަޅު އަޅާފައިވާނެކަމަށެވެ. މިކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މުދައްރިސުން ސަސްޕެންޑުކޮށް، މަސައްކަތުގެ މާހައުލުން ވަގުތުން އެކަހެރި ކުރެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަންދޭ ކަންކަމަށެވެ. ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމުގައި ފަސް ނުޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.