ކުޅިވަރު

ރިސޯޓް ލީގު: ސާއިއަށް ފުރަތަމަ މޮޅު، ބޮލިފުއްޓާއި ކަނޑޫމާ އެއްވަރު


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލެ ޒޯނުގައި ސާއީ ލެގޫނުން ފުރަތަމަ މޮޅު ހޯދިއިރު، ބޮލިފުއްޓާއި ކަނޑޫމާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ކްރޮސްރޯޑްސްގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ބީގައި ސާއީ ލެގޫން ކުޅުނު ދެވަނަ މެޗުން މޮޅުވެފައިވަނީ ވެލައްސަރު އަތުން 4-6 ގެ ނަތީޖާއަކުންނެވެ. މިއީ ސާއީ ލެގޫންގެ ފުރަތަމަ މޮޅެވެ. އެންމެ ފުރަތަމަ ކުޅުނު މެޗުގައި އެ ޓީމު ވަނީ މި ގްރޫޕުގައި ހިމެނޭ ފިހާޅޮހި އަތުން އެއްވަރުވެފައެވެ. އަދި މިއީ ވެލައްސަރު ގެ ފުރަތަމަ ބައްޔެވެ. ވެލައްސަރު ވަނީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބޮޑު ތަފާތަކުން އެނބޫދޫ ވިލެޖު ބަލިކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ބޮލިފުއްޓާއި ކަނޑޫމާއެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ކްރޮސްރޯޑްސްގައި މި މުބާރާތް ކުރިޔަށްދަނީ ޖުމްލަ 11 ޓީމާއެކުއެވެ. މި މުބާރާތް މި ޒޯނުގައި ބާއްވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

މާލެ އަތޮޅުގެ ދެކުނު ބިތަށް ނިސްބަތްވާ ރިސޯޓުތަކަށް ހުޅުވާލައިގެން މި މުބާރާތް ކުރިޔަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނެނީ ދަ މެރީނާ، ކަނޑޫމާ، އޯޒެން ލައިފް މާދޫ، އަދި ބޮލިފުށި އެވެ. ގްރޫޕް ބީ ގައި ހިމެނެނީ އެނބޫދޫ، ވެލައްސަރު، ފިހާޅޮހި އަދި ސާއީ ލެގޫން އެވެ. ގްރޫޕް ސީ ގައި ހިމެނެނީ ކޯމޯ ކޮކޯ، ހާޑްރޮކް އަދި އަނަންތަރާ އެވެ.

ސައުތު މާލެ ޒޯނުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ކަނޑޫމާ އެވެ. އެންމެފަހުން މި ޒޯނުގައި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އޯގަސްޓް 15 ގައެވެ.