ވިޔަފާރި

ޕާާޓާ ޑެސްޓިނޭޝަން މާކެޓިންގ ފޯރަމްގެ ހައި ލެވެލް ޑިސްކަޝަންއެއްގައި ޠައްޔިބު!


ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ ޕާާޓާ ޑެސްޓިނޭޝަން މާކެޓިންގ ފޯރަމް (ޕީޑީއެމްއެފް) 2022ގެ ހައި ލެވެލް ޕެނަލް ޑިސްކަޝަންއެއްގައި އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ފޯރަމަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، ތަފާތު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޚާއްސަކޮށް ބޭއްވި ފޯރަމެކެވެ.

އޮގަސްޓް މަހުގެ 4ވަނަ ދުވަހު ތައިލެންޑްގެ ސޮންގްކްލާގައި ފެށި މި ހަރަކާތުގައި ތައިލެންޑްގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސްއާއި ތައިލެންޑް ކޮންވެންޝަން އެންޑް އެގްޒިބިޝަން ބިއުރޯ (ޓީސީއީބީ)ގެ މައިސް ކޭޕަބިލިޓީ އެންޑް އިނޮވޭޝަންގެ ސީނިއަރ ނައިބު ރައީސާ ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން މި ފޯރަމްގައި ބީބީސީ ސްޓޯރީވޯކްސްގެ ނައިބު ރައީސާ، ޔުނެސްކޯ ތައިލެންޑްގެ ޕްރޮގްރާމް އޮފިސަރ ފޯ ކަލްޗަރ، އަދި ޖަޕާން މައިސް އެސޯސިއޭޝަންގެ ރައީސާ ފަދަ ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވެވަޑައިގެންފައިވެއެވެ. މިއަހަރުގެ ޕީޑީއެމްއެފްގެ ތީމް "ބިލްޑިންގ ބެކް ސަސްޓެއިނަބްލީ ތްރޫ ކަލްޗަރަލް ހެރިޓޭޖް އެންޑް ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް" ގެ ދަށުން އެހާ ބޮޑަށް ކުރިއަރާފައިނުވާ ފަތުރުވެރިކަމުގެ މަންޒިލްތައް މާކެޓްކޮށް، މެނޭޖްކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ޠައްޔިބު މި ފޯރަމްގައި ބައިވެރިވެވަޑައިގަތީ ޕާޓާގެ ދައުވަތަކަށް "ޑެސްޓިނޭޝަން މާކެޓިންގ އިން ދަ އޭޖް އޮފް ކޯވިޑް-19" މި މައުލޫއަށް ކުރިއަށް ގެންދެވުނު ޕެނަލް ޑިސްކަޝަންއެއްގައެވެ. މި ޕެނަލްގައި ތޮއްޔިބުގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ސަބާ ޓޫރިޒަމްގެ ސީއީއޯ އާއި ވިއެޓްނާމް ނޭޝަނަލް އެޑްމިނިސްޓްރޭޝަން އޮފް ޓޫރިޒަމް ގެ މާކެޓިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓޫރިޒަމްއެވެ.

މި ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން ޠައްޔިބު ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންދެވުނުގޮތާއި، އެ ދުވަސްވަރު ހާސިލްކުރެވިފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން ކޯވިޑްގެ ފުރަބަންދުގެ ދުވަސްވަރު ރާއްޖެއިން ހޯދި ކާމިޔާބީތަކުގެ ތެރެއިން 18 ސެޕްޓެމްބަރު 2020ގައި ވޯލްޑް ޓްރެވަލް ޓޫރިޒަމް ކައުންސިލުން ރާއްޖެއަށް "ސޭފް ޓްރެވަލްސް" ސްޓޭންޕް ލިބުނުކަމާއި، ދުނިޔޭގެ 850,000 މީހުން ލައިވްކޮށް ބެލި ޑިޖިޓަލް ކެމްޕެއިން "މޯލްޑިވްސް؛ ދަ ސަން ވިލް ޝައިން އެގެއިން" އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދިޔަ ކާމިޔާބު "އައިމް ވެކްސިންނޭޓަޑް" ކެމްޕެއިން ފާހަގަކުރެއްވިއެވެ.

"ފާއިތުވި އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ސަމާލުކަން ހުރީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ފަތުުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް. މިމަސައްކަތް ވަރަށް ކާމިޔާބު. 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ އެރައިވަލްސް ބައި މިލިއަނަށް ވެއްޓުނު، ނަމަވެސް މި އަދަދު 2021 ވަނަ އަހަރު 1.3 މިލިއަނަށް ވުރެ މައްޗަށް އެރި، އަދި މި އަހަރުގެ އެރައިވަލްސް ޕްރީ ޕެންޑެމިކް އެރައިވަލްގެ އަދަދާ މިހާރު ގާތްކޮށްފިކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން" ޠައްޔިބު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ކުރިން 2019 ވަނަ އަހަރު 31 ޖުލައިގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 990791 މީހުންނެވެ. އެއަށްފަހު އައި ދެ އަހަރު މިއަދަދު ވަރަށް ބޮޑުތަން ދަށްވި ނަމަވެސް މިއަހަރު އަނެއްކާވެސް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދުތައް މިދަނީ މައްޗަށް އަރަމުންނެވެ. މިއަހަރުގެ 30 ޖުލައިގެ ނިޔަލަށް 942444 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މި ޕެނަލްގައި ދެއްކެވި ވާހަކަފުޅު ނިންމާލައްވަމުން ޠައްޔިބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މުސްތަގުބަލް ވަރަށްވެސް އުޖާލާކަމަށެވެ. އަދި މިއީ އެންމެން އެކުގައި އަތްކުރި އޮޅާލާ، މުސްތަގުބަލަށް ބޭނުންވާ ބަދަލުތައް ގެނައުމަށާއި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މަޤާމު ދެމެހެއްޓުމަށް ހިތްވަރާއެކު ކުރިއެކޭ އެއްފަދައިން މަސައްކަތް ކުރުމުގައި ދެމިހުންނަންވީ ވަގުތުކަމަށެވެ.

ދުނިޔޭގެ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއަކަށް ދިގުދެމިގެންދާ އަސަރުތަކެއް ކުރިއެވެ. އެ ދަނޑިވަޅުގައި އެމްއެމްޕީއާރުސީ ފަދަ ޑެސްޓިނޭޝަން މާކެޓިންގ ކުންފުނިތަކަށް ޖެހުނީ ދުވަހުންދުވަހަށް ބަދަލުވަމުން އަންނަ ހާލަތްތަކަށް އެޑެޕްޓްވުމަށްޓަކައި މާކެޓިންގ ސްޓްރެޓެޖީތައް އަލުން ވިސްނައި ބައްޓަންކުރާށެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމަށް ގިނައަދަދެއްގެ ހަރަކާތްތަކެއް ކުރިއަށް ދެންދެވިފައިވެއެވެ. މިއާއިއެކު ޖެހިޖެހިގެން ދެ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ ލަގަބު ރާއްޖެއިން ކާމިޔާބުކޮށް، ދުނިޔޭގެ އެންމެ އެދެވޭ އަދި އެންމެ މަގުބޫލު އެއް މަންޒިލްގެ މަގާމު ރާއްޖެއިން މިވަނީ ޤާއިމުކޮށްފައެވެ.