ޚަބަރު

މަކުނުވިދުރީގެ ސަބަބުން އެމެރިކާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކަށް


މަކުނުވިދުރި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެމެރިކާގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފިއެވެ. މި ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ހާވިއޭ ބެކޭރާއެވެ. މި ނިންމުމާ އެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރާ ހޭދަ އިތުރު ކުރުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ.

"މި ބައްޔަކީ ވަރަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް ބަލައިގަންނަން ޖެހޭ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުން މި ދަނީ،" ބެކޭރާ ވިދާޅުވިއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެމެރިކާގައި މިހާތަނަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ޢާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެ ޤައުމުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 6,600 އަށްވުރެ އިތުރުވެފައެވެ.

މި ބައްޔާ ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ދޮރު ހުޅުވިގެންދާނެ ކަމުގައި އެމެރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)ގެ ޑިރެކްޓަރ ރޮޝެލް ވޮލެންސްކީ ވިދާޅުވިއެވެ. އޭނާއަކީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރައީސް ޖޯ ބައިޑަން މަތިކޮށްފައިވާ ޚާއްޞަ ޓާސްކްފޯސްގެ މެންބަރެކެވެ.

މި ބައްޔަށް ހުށަހެޅިފައިވާ 1.6 މިލިޔަން މީހުންނަށް ވެކްސިން ދިނުމުގެ އަމާޒު ކަނޑައަޅާފައިވާ ކަމުގައި ވެސް ވޮލެންސްކީ ވިދާޅުވިއެވެ. އެމެރިކާއިން ވަނީ މި ބައްޔަށް ދޭ ވެކްސިންގެ 600,000 ޑޯޒް އެކި ސްޓޭޓްތަކަށް ފޮނުވާފައެވެ. ނަމަވެސް، ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.