ޚަބަރު

ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގައި ކަނޑުމަސް ގަތުމުގެ ލައިސަންސްދޭން ތައްޔާރުވެއްޖެ


މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރުވަނީ މިކަމާގުޅޭ ގަވާއިދު އެކުލަވާލައި ދައުލަތުގެ ގެޒެޓުގައި ޝާޢިރުކޮށްފައެވެ. މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ މައިގަނޑު މަގުސަދަތައް ކަމުގައި ބަޔާންކޮށްފައިވަނީ، ކަނޑުމަސް އެކްސްޕޯޓުކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުމާއި، މިނިސްޓްރީގެ ފަރާތުން ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުން ބާނާ ކަނޑުމަހުގެ ބާވަތްތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގަތުމުގެ ލައިސަންސް މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާން ކުރުމެވެ.

މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހެޅޭނީ، ހަމައެކަނި %100 ދިވެހިން ހިއްސާވާ ގޮތަށް ރާއްޖޭގެ ޤާނޫނާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި ލައިސެންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރަންވާނީ ބޭރުގެ އުޅަނދެއް ކަމަށާއި، ގަވާއިދުގެ ބޭނުމަށް ލައިސެންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ، އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައިކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން ކަނޑުމަސްގަތުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ކަނޑުމަސް ގަތުމަށް ބޭނުންކުރާ މަސްގަންނަ ބޭރުގެ އުޅަނދުގައި ހުންނަންޖެހޭގެ ޝަތުރުތައްވަނީ ކަނޑައަޅާފައެވެ. އެގޮތުން 500 މެޓްރިކްޓަނުގެ ކެޕޭސިޓީއެއް ހުރުމާއި، ޖިނާއީ ކުށެއްގައި އެއްވެސް ޤައުމެއްގެ އިދާރާއަކުން ލިސްޓުކޮށްފައިވާ އުޅަނދެއް ކަމުގައި ނުވުން ހިމެނެއެވެ.

ލައިސެންސަށް އެދި ހުށަހަޅަންޖެހެނީ ފިޝަރީޒް މިނިސްޓްރީން މިކަމަށް ޤާއިމްކޮށްފައިވާ ނިޒާމް މެދުވެރިކޮށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އެ ފޯމެއް ހުށަހެޅުމުގައި އަމަލުކުރަންޖެހޭނެގޮތުގެެ އިރުޝާދުތައް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން މަސްގަންނަ ބޭރުގެ އުޅަނދަކަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހުގެ މުއްދަތަކަށެވެ.
މަސްގަންނަ އުޅަނދުގައި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ވެސަލް ލޮކޭޓިންގ ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒަރވަރ ސިސްޓެމެއް އުޅަނދުގައި ހަރުކުރަންޖެހެއެވެ.

އަދި އެއްވެސް ސަބަބެއް ދިމާވެގެން، މަސްގަންނަ ބޭރުގެ އުޅަނދުގައި ހަރުކޮށްފައިވާ ވެސަލް ލޮކޭޓިންގ ޑިވައިސް ނުވަތަ އިލެކްޓްރޯނިކް އޮބްޒާވަރ ޔުނިޓުގެ ޚިދުމަތް މެދުކެނޑިފައިވަނިކޮށް، ކަނޑުމަސް ގަތުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ.
މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާއި ބެހޭ ގަވާއިދުގައިވަނީ މިކަމާއި ގުޅުންހުރި ކުށްތަކާއި އެކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައްވެސް ބަޔާންކޮށްފައެވެ.

އެގޮތުން ލައިސެންސް ނެތި މަސް ގަންނަ ބޭރުގެ އުޅަނދުތައް އަށް ލައްކަަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސެންސެއް ނެތް ދޯންޏަކުން ބާނާފައިވާ މަސް ގަންނަ ނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ވެސަލް ލޮކޭޓިންގ ޑިވައިސް ނިއްވާލައިފި ނަމަވެސް އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް މި ގަވާއިދުގައިވެއެވެ. މީގެ އިތުރުވެސް އެކި އެކި ކުށްތަކާއި އެކު ކުށްތަކަށް ކަނޑައަޅާފައިވާ އަބަދުތައް މި ގަވާއިދުގައިވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.