ޚަބަރު

ޣައްޒާ ބަންދުކޮށް، މުސްލިމުން ބިކަ ކުރުމުގެ މަސައްކަތް މެކުހަށް


ޔަހޫދީންގެ އިސްރާޢީލުން ފަލަސްތީނުގެ ޣައްޒާ އަނެއްކާ ވެސް ބަންދުކޮށް، އެ ރަށުގައި ދިރިއުޅޭ ދެ މިލިޔަނެއްހާ މުސްލިމުން ބިކަ ކުރުމަށް ހިންގަމުންދާ ޖަރީމާތައް މެކުހަށް ޖަހައިފިއެވެ. ޔަހޫދީން ލަޝްކަރުތަކުން ޣައްޒާއަށް ވަދެނިކުމެ ވާން އޮތް ހުރިހާ ދޮރެއް އަނެއްކާ ވެސް ބަންދު ކޮށްފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

އޮގަސްޓު 1 ވަނަ ދުވަހު ޔަހޫދީންގެ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި ހިންގި ޢުދުވާނެއްގައި އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ބައްސާމް އަލްސާދީ ހައްޔަރު ކޮށްފައެވެ. އަދި، ޣައްޒާ ބަންދު ކޮށްފައި ވަނީ، އޭނާ ހައްޔަރު ކުރުމާ ގުޅިގެން ފަލަސްތީނުގެ ޖިހާދީ ޖަމާޢަތްތަކުން ދީފާނެ ބަދަލު ހިފުމުގެ ހަމަލާތައް ހުއްޓުވުމުގެ ގޮތުން ކަމުގައި ޔަހޫދީ ސިފައިން ބުންޏެވެ. އަލްސާދީ ހައްޔަރު ކުރުމަށް ޔަހޫދީ ސިފައިން ހިންގި އޮޕަރޭޝަނުގައި ފަލަސްތީނުގެ 17 އަހަރުގެ ކުއްޖަކު ވެސް ޝަހީދު ކޮށްލިއެވެ.

ޣައްޒާ ބަންދު ކުރުމާ އެކު، އެ ރަށަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް މި ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. ޣައްޒާއަށް އެތެރެވެވެން އޮތް ހުރިހާ މަގެއް ބަންދު ކުރުމުގެ އިތުރުން ޔަހޫދީ ސިފައިން އެ ރަށުގައި ހުންނަ ހަމައެކަނި އިންޖީނުގެއަށް ތެޔޮ ފޯރުކޮށްދިނުމަށް ވެސް ހުރަސް އަޅާފައެވެ.

ޣައްޒާގެ ގިނަ ސަރަޙައްދުތަކުގައި މިހާރު ވެސް ކަރަންޓުގެ ޚިދުމަތް ދެނީ ދުވާލަކު އެންމެ 10 ގަޑިއިރަށެވެ. އަދި، އެ ރަށް މުޅީން ބަންދު ކޮށްލުމުން، އެ ރަށުން ކަރަންޓުގެ ޚިދުމަތް މުޅީންހެން މެދުކެނޑޭނެއެވެ. ޣައްޒާގެ އިންޖީނުގޭގެ އިތުރުން އެ ރަށަށް އިސްރާޢީލުން ދުވާލެއްގެ މައްޗަށް 120 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދެއެވެ.

އަލްސާދީ ހައްޔަރު ކުރުމާ ގުޅިގެން އިސްލާމިކް ޖިހާދު ޖަމާޢަތުން ވަނީ، އެ ޖަމާޢަތުގެ މެންބަރުން ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ނަމަވެސް، މިޞްރުން ވަނީ، އެ ޖަމާޢަތާއި ޔަހޫދީންގެ ދަޢުލަތާ ދެމެދު އުފެދިފައިވާ ނުތަނަސްކަން ހައްލު ކުރުމަށް މަސައްކަތް ފަށާފައެވެ.