ޚަބަރު

ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ އައިސްކްރީމެއް ރާއްޖޭގެ ބާޒާރުގައި، ސަމާލުވޭ!


ޕެސްޓިސައިޑްއިން ތަޣައްޔަރުވެފައިވާ ފަރެންސޭސިވިލާތުގެ "ހާގެންޑާޒް" ބްރޭންޑްގެ އައިސްކްރީމް ރާއްޖެއަށް އެތެރެވެފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އިލްތިމާސްކުރައްވައިފިއެވެ.

އެމް.އެފް.ޑީ.އޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްއިން ޕެސްޓިސައިޑްއިން ތަޣައްޔަރުވެފައިވާ ފަރެންސޭސިވިލާތުގެ "ހާގެންޑާޒް" ބްރޭންޑްގެ އައިސްކްރީމް ރާއްޖެއަށް އެތެރެވެފައިވާކަން އެއިދާރާގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. މިއާއެކު މީގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އެއޮތޯރިޓީއިން ވިދާޅުވެއެވެ.

އެމް.އެފް.ޑީ.އޭއިން ވިދާޅުވީ، ޕެސްޓިސައިޑް ފެނިފައިވަނީ "ހާގެންޑާޒް" ބްރޭންޑްގެ އައިސްކްރީމްގެ ވެނީލާ ބްރޭންޑްގެ 8 ބެޗެއްގައި ހިމެނޭ އައިސްކްރީމްއިންނެވެ. އަދި ބެލްޖިއަން ޗޮކްލެޓްއާއި ކުކީސް އެންޑް ކްރީމްއާއި، ކުކީސް އެންޑް ކްރީމް އެސްޕީކޭއާއި ވެނީލާ ކެރަމަލް އާމަންޑްގެ ބައެއް ބެޗުތަކުގައިވެސް ޕެސްޓިސައިޑު އެކުލެވިފައިވާކަމަށް އެމް.އެފް.ޑީ.އޭއިން ވިދާޅުވެއެވެ.

ޕެސްޓިސައިޑު އެކުލެވިފައިވާ ބާވަތްތަކުގެ ތަފްސީލް އެމް.އެފް.ޑީ.އޭއިން ހާމަކޮށްފައިވާއިރު އެބެޗްތަކުގެ އައިސްކްރީމް ރާއްޖޭގައި ނުވިއްކުމަށާއި، ބޭނުންނުކުރުމަށް އެމް.އެފް.ޑީ.އޭއިން ވަނީ އަންގާފައެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ އެމް.އެފް.ޑީ.އޭގެ ނަންބަރު 3014361 އަށް ގުޅާ މަޢުލޫމާތު ސާފުކުރެއްވުމަށް އެއިދާރާއިން އެދެއެވެ.