ދުނިޔެ

ދެކުނު ޗައިނާ ކަނޑަށް އެމެރިކާއިން އަތްގަދަކުރޭ- ޗައިނާ


ދެކުނު ޗައިނާ ކަނޑުގައި ދަތުރުފަތުރުގެ މިނިވަންކަން އޮންނަންޖެހޭ ކަމަށްބުނެ އެސަރަހައްދަށް އަތްގަދަ ކުރަން އެމެރިކާ މަސައްކަތްކުރާކަމަށް ޗައިނާއިން ތުހުމަތުކޮށްފިއެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ލޫކާންގް ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި ދަތުރުފަތުރުގެ މިނިވަންކަން އޮންނަންޖެހޭ ކަމަށްބުނެ އެމެރިކާ ހިންގާ ހަރަކާތްތަކަކީ ގަބޫލުކުރެވޭނެ ހަރަކާތްތަކެއް ނޫންކަމަށާ އެއީ އެސަރަހައްދަށް އަތްގަދަ ކުރުމުގެ ގޮތުން އެމެރިކާ ހިންގާ އަމަލުތަކެއްކަމަށެވެ. ދެކުނު ޗައިނާ ކަނޑުގައިވާ ޓްރައިޓޮން ޖަޒީރާތަކަކީ ޗައިނާ ޖަޒީރާތަކެއްކަމަށް އެގައުމުން ދައުވާ ކުރަމުން ގެންދަނިކޮށް އެމެރިކާގެ ހަނގުރާމައިގެ މަނަވަރެއް މިދިޔަ ހޮނިހިރު ދުވަހުވަނީ އެޖަޒީރާތަކާ ބާރަވަރަކަށް މޭލުކައިރިން ދަތުރުކޮށްފައެވެ. މިމައްސަލާގައި ޗައިނާވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވީ މިއީ އެމެރިކާ ހިންގި ވަރަށް ނުރައްކާތެރި އަމަލެއްކަމަށާ މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެމެރިކާ އަށް ގޮވާލައްވާކަމަށެވެ.