ޚަބަރު

ތިން މަސް ތެރޭގައި ބަލިމީހުން އުފުލޭނެގޮތް ހެދުމަށް މަންޓާ އާއި ފްލައިމީއަށް އަންގައިފި


ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި ފްލައިޓްގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް މަންޓާ އެއަރއާއި ފްލައިމީއަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ކުރިޔަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން މަންޓާ އެއަރ އާއި ފްލައިމީ އޮޕަރޭޓް ކުރާ ފަރާތްތަކަށް، ސިވިލް އޭވިއޭޝަނަށް މެމޯއަކުން އެ ނިސްޓްރީން މިހާރު އަންގަވާފައިވާ ކަމަށެވެ. އަދި އެކަން ނުކޮށްފިނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކުޑަހުވަދޫގައި ބަލި މީހަކު އެމަޖެންސީކޮށް މާލެ ގެންނަން އުޅުމުން މަންޓާ އެއަރއިން ގެނެސްދީފައި ނުވާކަމަށް ބުނެ އެރަށުގައި ވަނީ މީގެ ދެ ދުވަސް ކުރިން މުޒާހަރާކޮށްފައެވެ.

މަންޓާ އެއަރއިން ވަނީ އެއެއާލައިންއިން ބޭނުންކުރާ ސީޕްލޭން ބޯޓުތަކަކީ، ބަލި މީހުން އަރުވަން ބޭނުންކުރާ ސްޓްރެޗަރ އެރުވޭގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި އެއީ ވައިގެ ދަތުރުފަތުރުގެ ގާނޫނުތަކާއެއްގޮތަށް ބެލި ނަމަވެސް ކުރެވޭނެކަމެއް ނޫންކަމަށް އެ އެއަރލައިނުން ބުނެއެވެ. އެކަމަށް ހައްލެއްގެ ގެނައުމުގެ ގޮތުން ވީލް އަޅުވައިގެން ސީ ޕްލޭންގެ ދަތުރުކުރުމަށް ހުއްދަ ހޯދުމަށް އެދިފައިވާނެކަމަށާއި އެކަމަށް ބޭނުންވާނެ ހުރިހާ އިކުއިޕްމަންޓްތަކެއް މިހާރު ހޯދާފައިވާނެކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ކުޑަހުވަދޫ އެއަރޕޯޓު ކައިރީއަށް ހޯމަދުވަހުގެރޭ މީހުން އެއްވެގެން ހިނގި ކަންކަމުގެ ސަބަބުން ފަތުރުވެރިން އެއަރޕޯޓުން ނުކުތުމަށް ހުރަސް އެޅި، ފަތުވެރިން 5 ވަރަކަށް ގަޑިއިރު އެއަރޕޯޓުގައި ތާށިވެފައި ތިބިކަމަށް މަންޓާއިން ބުނެއެވެ.