2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް އާޖެންޓީނާ، ޗިލީ، އުރުގުއާއީ އަދި ޕެރަގުއާއީ ގުޅިގެން ބިޑް ކޮށްފިއެވެ.
ވޯލްޑް ކަޕުގެ އެންމެ ފުރަތަމަ މުބާރާތް 1930 ވަނަ އަހަރު ބާއްވާފައިވަނީ އުރުގުއާއީގައެވެ. އުރުގުއާއީއިން ހާމަކުރާގޮތުގައި ވޯލްޑް ކަޕަށް 100 އަހަރު ފުރޭ 2030 ވަނަ މުބާރާތް އެ ގައުމަށް އަނބުރާ ގެންނަން ބޭނުންވާ ކަމަށެވެ.
ދެކުނު އެމެރިކާގެ ފުޓްބޯލް ކޮންފެޑެރޭޝަން، ކޮންމެބޯލްއިން ހާމަކުރިގޮތުގައި މިއީ ދެކުނު އެމެރިކާއިން ދެކޭ ހުވަފެނެއް ކަމަށެވެ. 2030 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ސްޕެއިން އާއި ޕޯޗުގަލްއިން ގުޅިގެން ބިޑް ކުރާކަންވަނީ ހާމަކޮށްފައެވެ.
އުރުގުއާއީގައި ބޭއްވި ފުރަތަމަ މުބާރާތުގައި އުރުގުއާއީއިން ތަށި އުފުލާލީ އާޖެންޓީނާ ފައިނަލުގައި ބަލިކޮށްގެންނެވެ. އެ މުބާރާތުގެ ފައިނަލް ކުޅުނު މޮންޓެވީޑިއޯގެ ސެންޓެނާރިއޯ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ކޮންމެބޯލްގެ ރައީސް އަލެހަންޑްރޯ ޑޮމިންގުއޭޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކިތަންމެ ވޯލްޑް ކަޕެއްވެސް ބޭއްވިގެން ދާނެ ކަމަށާއި، ނަމަވެސް 100 އަހަރު ފުރޭ މުބާރާތް އަންނާނީ އެންމެ ފަހަރަކު ކަމަށެވެ. އަދި އެ މުބާރާތް އެންމެ ފުރަތަމަ ބޭއްވި ގައުމުގައި ބޭއްވުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.
މި ބިޑުގައި ބައިވެރިވާ އެހެން ގައުމުތަކުގެ ތެރެއިން ޗިލީގައި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާފައިވާއިރު، 1978 ވަނަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ އާޖެންޓީނާގައެވެ. މި ފަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2026 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައެވެ.