ޚަބަރު

ޔަމަނުގައި ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުން އިތުރު ދެ މަހަށް ދަންމާލައިފި


ޔަމަނުގެ ދާޚިލީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓައިލާ، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ދެ މަސް ދުވަހުގެ މުއްދަތަކަށް އިތުރުކޮށްފިއެވެ. އ.ދ.ގެ އިސްނެގުމުގެ ދަށުން މި އެއްބަސްވުން އެކުލަވައިލާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއިރު ވެސް ހަމަލާ ބަދަލުކުރުން މެދުކަނޑައިލަން އެއްބަސްވެފައި ވަނީ ދެ މަހުގެ މުއްދަތަކަށެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ އެ ޤައުމުގެ އިރުމަތީގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވެދޭ ޖަމާޢަތެއް ކަމުގައިވާ ހޫތީން ވެރިރަށް ސަނާއަށް އަރައި، އެ ރަށް ހިފުމާ ގުޅިގެންނެވެ. އެއީ 2014 ވަނަ އަހަރުއެވެ. ހޫތީންނަކީ ޝީއީ މަޒުހަބަށް ނިސްބަތްވާ ޖަމާޢަތެކެވެ.

އެ ޖަމާޢަތުގެ ހަނގުރާމަވެރިން ސަނާ ހިފުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އަދި، ހުޅަނގުގެ ޤައުމުތައް ހިމެނޭ ކޯލިޝަނަކާ އެކު 2015 ވަނަ އަހަރު މާރިޗު މަހު ހޫތީންނާ ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. އަދި، އަދަނުގައި ސަޢޫދީން ވާގިވެރިވާ ސަރުކާރު ޤާއިމު ކުރިއެވެ.

ހަނގުރާމަ ހުއްޓައިލާ، ހަމަލާ ބަދަލު ކުރުންތައް ހުއްޓައިލުމަށް އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ، ހޫތީންގެ ހަމަލާތައް ސަޢޫދީ ޢަރަބިއްޔާއަށާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ އަމާޒު ކުރަން ފެށުމާ ގުޅިގެންނެވެ.

މި އެއްބަސްވުމާ އެކު ޔަމަނުގައި ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ވަނީ ޤާއިމުވެފައެވެ. އަދި، ހަތް އަހަރުވީ ހަނގުރާމައިގައި ހާލުގައި ޖެހި، ކާބޯތަކެއްޗަށް ބޭނުން ޖެހިފައިވާ 17 މިލިޔަނަށް ވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވިގެން ދިޔައެވެ.