ޚަބަރު

ބްރިޖް މަޝްރޫއު ފެށުމުގެ ކުލަތައް ފެންނަން ފަށައިފި


މާލެއާއި ހުޅުލެއާ ދެމެދު އަޅުއްވާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ، މާލެ ސަރަޙައްދުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެ މަޝްރޫޢެވެ. އަދި ހުޅުމަލޭގެ ތަރައްޤީވެސް މި ބްރިޖާއެކު އިތުރު ހަރުފަތަކަށް ދާނެކަން ޔަޤީނެވެ. ބްރިޖް އެޅުއްވުމަށްޓަކައި ނިންމަވަންޖެހޭ ލިޔެކިޔުމުގެ ހުރިހާ ކަމެއް ނިންމެވުމަށްފަހު، ޢަމަލި މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. މާލޭގެ ސައިޓާއި، ހުޅުމާލޭގެ ސައިޓް ހެދުމުގެ މަސައްކަތް، ބްރިޖްގެ ކޮންޓްރެކްޓަރ، ޗައިނަގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ އިން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ލޮނުޒިޔާރަތްކޮޅުގައި ސައިޓް ހެދުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި، ބްރިޖްގެ މަސައްކަތްކުރާ މީހުންގެ އެކޮމޮޑޭޝަން ބްލޮކާއި، ކޮންޓްރެކްޓަރގެ އޮފީސް ބްލޮކާއި، މަސައްކަތަށް ބޭނުންވާ ސާމާނު ބެހެއްޓުމަށް ޚާއްޞަ ތަންތަން މިހާރު ދަނީ ހަދަމުންނެވެ. އަދި މާލެއާއި ހުޅުމާލޭގައި ބަހައްޓާ ބެޗިން ޕްލާންޓް ނުވަތަ، ބްރިޖްގެ ކޮންކްރީޓް މަސައްކަތް ކުރާ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ. ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގެ 70 ވަރަކަށް މީހުން މިހާރުވެސް މާލޭގައި ޙަރަކާތްތެރިވަމުންދާ ކަމަށާއި، މަސައްކަތައް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓްވެސް މިހާރު ރާއްޖެ އައިސްފައިވާކަން މުއްތޮލިބް ފާހަގަކުރެއްވިއެވެ. މޮބިލައިޒޭޝަން މަސައްކަތް ނިމި، ކަނޑުއަޑީގައި އަޅާ ފައުންޑޭޝަންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، މާރޗްމަހުގެ ތެރޭގައެވެ. ފެނުގެ އަޑިއަށް ހުންނަ ބައި ނިންމާ، 8 ސެޕްޓެމްބަރ 2016 ގައި ތަނބުތަކުގެ މަލަމަތި ފެންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އެއަށްފަހު ތަނބުތަކުގެ މަތިން ބްރިޖްގެ ބައިތައް ގުޅުވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ބްރިޖްގެ ސުޕްރ ސްޓްރަކްޗަރގެ މަސައްކަތް ފަށާނީ 2017 ވނަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހު. ބްރިޖް ގެ މާލެ އަދި ހުޅުލެއާ ގުޅޭބައި 2017 ވަނަ އަހރުގެ ޑިސެމްބަރ މަހު ފަށާގޮތަށް ވަނީ ޕްލޭން ކޮށްފައެވެ. ބްރިޖް އެޅުމަށް 210 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އެއިގެތެރެއިން 124 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. 12.6 މިލިއަން ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށް ނިންމަވަފައިވާއިރު، ޗައިނާ ސަރުކާރުން ލުއި ލޯނުގެ ގޮތުގައިވެސް އެހީތެރިކަން ފޯރު ކޮށްދެއްވުމަށްވަނީ ނިންމަވާފައެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަ ރާއްޖޭގެ ފަހުގެ ތާރީޚެއްގައިވެސް ހިނގާ އެންމެ ބޮޑު އެއް މަޝްރޫއެވެ.