ޚަބަރު

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގައި 100 ކުންފުންޏެއް


މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނެޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖުގައި 100 ކުންފުނިން ބައިވެރިވާނެކަމަށް އެގްޒިބިޝަން އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

ހާހެއްހާ ބައިވެރިންނާއެކު ކުރިއަށްދާ މި އެގްޒިބިޝަނަކީ ރާއްޖޭގައި ކޮވިޑް-19އިގެ ބަލިމަޑުކަމަށް ފަހު ބާއްވާ މިފަދަ އެންމެ ބޮޑު ފެއަރއެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފް.އެޗް.އޭ.އެމް)އިން އިންތިޒާމުކޮށްގެން ބާއްވާ މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެގްޒިބިޝަނަކީ ފުޑް އެންޑް ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފަހި ފުރުސަތުތަކާއެކު އެކުލަވާލާފައިވާ އެގްޒިބިޝަނެކެވެ.

މި އެގްޒިބިޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެފްއެޗްއޭއެމްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ މިއީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ އެއް ފެއާއަށް ވާނެ ކަމަށެވެ. މިފެއާއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުން ހުރި ސިނާއަތުތަކަށް ކޮވިޑް-19 އާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަންނަން ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިފަހަރުގެ އިވެންޓުގެ އެކި ކެޓަގަރީތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަމަށާއި މިއެގްޒިބިޝަނާމެދު ގިނަ އުންމީދުތަކެއް ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެއްތަނަކަށް އައިސް އެކަކު އަނެކަކުގެ ތަޖުރިބާގެ އަލީގައި ކަންކަން ދަސްކުރުމަށާއި، އިތުރަށް މަގްބޫލުކަން ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް" އެފްއެޗްއޭއެމްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ.

މިފަހަރުގެ އެފްއެޗްއޭއެމް އިންޓަރނެޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖުގައި 27 ކެޓަގަރީއެއް ހިމެނެއެވެ. އަދި މި އެގްޒިބިޝަންގައި 10،000 އަށް ވުރެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. މި އެގްޒިބިޝަންގެ ޗެލެންޖުތަކުގެ ޖަޖުންގެ ތެރޭގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖަޖުން ހިމެނޭނެއެވެ.

ތަފާތު 30 ގައުމު ތަމްސީލު ކުރާ މި އެގްޒިބިޝަންއަށް 4000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 1500 މީހުން ވަނީ ތަކެތި ގަނުމަށް ނިންމާފައެވެ.