ޖަރުމަންވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން އައުޓްޑޯ އެޑްވައިޓައިޒިންގ ކެމްޕެއިނެއް ފަށަން ނިންމައިފިއެވެ.
ޖަރުމަންވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަގްސަދުގައި ޑޮޓްކޮމް އަރަބިއްޔާއާ ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑު ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) އިން އައުޓްޑޯ އެޑްވަޓައިޒިންގް މި ކެމްޕެއިނަކީ ރާއްޖޭގެ ބްރޭންޑަށް ޖަރުމަނުވިލާތުގެ މާކެޓުގައި އޮތް މަގުބޫލުކަން އިތުރުކޮށް، ދިވެހިރާއްޖެއާއި ބެހޭ މައުލޫމާތު ހިއްސާކޮށް، މި މާކެޓުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
އެމްއެމްޕީއާރުސީން މައުލޫމާތުދޭގޮތުގައި، މި ކެމްޕެއިނުގެ ދަށުން ޖަރުމަންވިލާތުގެ މަޝްހޫރު ޕޮޓްސްޑާމެރ ޕްލަޓްޒް – ކުރާޓިއާރ އަދި ބަރލިން އެއާޕޯޓުގައި ރާއްޖެ އިޝްތިހާރުކުރާނެކަމަށެވެ.
ޕޮޓްސްޑާމެރ ޕްލަޓްޒް – ކުއާޓިއާރ އަކީ ގިނަ ބަޔަކު މަސައްކަތްކުރާ އަދި ދަތުރުކޮށް އުޅޭ ހިސާބެކެވެ. އެހެންކަމުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ އިޝްތިހާރުތައް 5.5 މިލިއަން މީހުންނަށް ފ÷ޯރާނެއެވެ. އަދި ބަރލިން އެއަރޕޯޓްގައި ބަހައްޓާ އިޝްތިހާރުތައް 1.2 ފަތުރުވެރިންނަށް ފޯރާނެއެވެ. 5 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮޓްކޮމް އަރަބިއްޔާއަކީ މި ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ އެއް އައުޓްޑޯ އެޑްވަރޓައިޒިން އެޖެންސީއެވެ.
ބީބީސީ، ފައިނޭންޝަލް ޓައިމްސް، ދަ ގާޑިއަން އަދި ވޯގް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތައް ތަމްސީލްކޮށްފައިވާ ޑޮޓްކޮމް އަރަބިއްޔާއިން ވަނީ ސައުދީ ޓޫރިޒަމް އަދި އިއްތިހާދު އެއަރވޭސް ފަދަ ކްލައިންޓުންނާއި އެހެނިހެން ހައި ޕްރޮފއިލް ކްލައިންޓުންނާއިއެކުވެސް ޓޫރިޒަމް ކެމްޕޭންތައް ހިންގާފައެވެ.
މި އަހަރު ޖުލައި 20ގެ ނިޔަލަށް 73118 ފަތުރުވެރިންވަނީ ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މުޅި ޖުމްލަ 900808 ފަތުރުވެރިންވަނީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ.
މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ރޯޑްޝޯވތައް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި މާކެޓިން ކެމްޕެއިންތައްވެސް ވަނީ ހިންގާފައެވެ.