ޚަބަރު

ޗައިނާގެ އިންޒާރުތަކަށް ބެއްލެވުމެއްނެތި ޕެލޯސީ ތައިވާނަށް


އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވައިފިއެވެ. އޭނާ ޓައިވާނުގެ ވެރިރަށް ޓައިޕޭއަށް ވަޑައިގަންނަވާފައި މި ވަނީ ޗައިނާއިން މި ކަމާ ދެކޮޅަށް އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. ޓައިޕޭއިން ޕެލޯސީއަށް މަރުޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު ޖޯސެފް ވޫއެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވަން އުޅޭ ކަމަށް ބެލެވުމާ އެކު، ޗައިނާއިން ވަނީ އެ ޤައުމުގެ ވައިގެ ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި، ޗައިނާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ވަނީ އެ ޤައުމާއި ޓައިވާނާ ގުޅޭ ވައިގެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޓައިވާން ނުހިމެނުމަށް ޗައިނާއިން މީގެ ކުރިން ވަނީ ޕެލޯސީއަށް އަންގާފައެވެ. އަދި، އެ ޤައުމަށް ވަޑައިގަންނަވައިފި ނަމަ، ޗައިނާއިން އެ ކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޤައުމުން ވަނީ ދީފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ދެމެދު ހުސްވި ހަފުތާގައި ފޯނުން ވާހަކަފުޅު ދައްކަވަމުން ޝީ ވަނީ، ޓައިނާއަށް ޕެލޯސީ ވަޑައިގެންނެވުމަކީ "އަލިފާނާ ކުޅުން" ކަމުގައި ސިފަކޮށް، އިންޒާރު ދެއްވާފައެވެ. ބައިޑަން ވިދާޅުވެފައި ވަނީ ޓައިވާނަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް އެމެރިކާއިން ތާޢީދު ކުރާ ކަމުގައެވެ.

ޕެލޯސީގެ ދަތުރުފުޅާ ގުޅުވައި ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީ ވަނީ އެމެރިކާއަށް އިތުރު އިންޒާރުތަކެއް ދެއްވާފައެވެ. ވިދާޅުވީ، އަލިފާނާ ކުޅޭ ފަރާތްތަކުގެ ނިމުން ވަރަށް ހިތިވާނެ ކަމުގައެވެ. މި ފަދަ ބިރު ދެއްކުންތަކަށް އެމެރިކާއިން ފަސް ނުޖެހޭނެ ކަމުގައި އެ ޤައުމުން ވެސް ވަނީ ބުނެފައެވެ.

ޗައިނާގެ ވައިގެ ސިފައިންގެ އުޅަނދުތައް ޓައިވާނުގެ ވައިގެ ސަރަޙައްދާ ކައިރީގައި ހަރަކާތްތެރިވަމުން ދާއިރު، އެ ޤައުމުގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ވެސް މިހާރު ވަނީ އެ ސަރަޙައްދަށް ފޮނުވާފައެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަތަރު މަނަވަރެއް ވެސް ޓައިވާން ކައިރީގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. މީގެ ތެރޭގައި އަސްކަރީ މަތިންދާބޯޓުތައް އުފުލާ މަނަވަރެއް ވެސް ހިމެނެއެވެ.