ޚަބަރު

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 82 ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގެ މަލްޓި ޕާރޕަސް ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވާފައި ވަނީ ސިވިލްކޯޓުގެ ޤާޒީ ޢަބްދުލްނާސިރު ޝަފީގުއެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސަސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒްއާއި، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމުގެ އިތުރުން ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 82 މުވައްޒަފުން ހުވާކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 26 ފިރިހެން ފުލުހުންނާއި 16 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީ އަންހެން 20 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފިރިހެން 20 ފުލުހުންނެވެ. ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ.