ޚަބަރު

އޭސީސީން މިދިޔަ އަހަރު 2030 ފަރާތެއް ތަމްރީންކޮށްފައިވޭ


އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޮރަޕްޝަންގެ ޢަމަލުތަކާ މެދު ރައްޔިތުން ހޭލުންތެރިކޮށް ނަޒާހަތްތެރިކަން ކުރިއެރުމަށް ހިންގުނު ޙަރަކާތްތަކުގައި މިދިޔަ އަހަރު 2030 ފަރާތެއް ތަމްރީން ކޮށްފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.އެސީސީން ވިދާޅުވީ އެ ކޮމިޝަނުން ހިންގި ތަމްރީނުތަކުގައި މާލޭގެ އިދާރާތަކަށް ޚާއްޞަކުރެވިގެން، 19 ސެޝަން ހިންގައި 392 މުވައްޒަފުން ތަމްރީނު ކޮށްފައިވާކަމަށެވެ. އަދި އަތޮޅުތެރޭގައި 52 ސެޝަން ހިންގައި 807 މުވައްޒަފުން ތަމްރީނު ކޮށްފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމުގެ މަޤްޞަދަކީ ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް މުވައްޒަފުން ހޭލުންތެރިކޮށް ކޮރަޕްޝަންގެ ގެއްލުން އަންގައިދިނުމާއި، ޕްރޮކިއުމަންޓާގުޅޭ މަޢުލޫމާތު މުވައްޒަފުންނާ ޙިއްޞާކޮށް ދައުލަތުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން އަށަގެންނެވުންކަމަށް އެސީސީން ވިދާޅުވެއެެވެ.މީގެ އިތުރުން ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުމާ މެދު ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވައި، ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި މުޅިއަކު 15 ސެޝަން ހިންގައި 831 ދަރިވަރުން ތަމްރީން ކޮށްފައިވާކަމަށް އެސީސީން ވިދާޅުވެއެވެ.