ޚަބަރު

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މަޖިލީހުގެ 10 ބޭފުޅުން އިންޑިއާއަށް


ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 ބޭފުޅުން ހިމެނޭ ވަފްދެއް އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ.

މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ، މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

މި ދަތުރުގައި ބައިވެރިވަޑައިގަންނަވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ ޕާލަމެންޓަރީ ސާރވިސްގެ 10 ބޭފުޅުންނެވެ. އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެއެވެ.

އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހާއި ހަމައަށް މަޖިލީހުގެ ވަފްދުން ނިއުދިއްލީއަށް ކުރާ މި ދަތުރުގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ މަސައްކަތް ކުރާގޮތް ބައްލަވާ ލައްވާ މައުލޫމާތު ހޯއްދަވާނެއެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ 2 ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ގޮސްފައިވަނީ 2020 ވަނަ އަހަރުގައެވެ.