ޚަބަރު

އީރާނާއި އަފްޣާނިސްތާނުން ހަމަލާ ބަދަލުކޮށްފި


އީރާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ އިމުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި އެކަކު މަރުވެއްޖެއެވެ. މި ހާދިސާގައި ހަމަލާ ބަދަލުކޮށްފައި ވަނީ އީރާނުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންނާއި، އަފްޣާނިސްތާނުގެ ތާލިބާނުންނާ ދެމެދުގައެވެ. މި ހާދިސާގައި މަރުވެފައި ވަނީ ތާލިބާނުންގެ މީހެކެވެ.

އަފްޣާނިސްތާނުގެ ނިމްރޫޒް ޕުރޮވިންސުގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ބަޙްރާމް ޙަޤްމަލް ވިދާޅުވީ، އީރާނު ސިފައިން ދިން ހަމަލާތަކެއްގައި އެ ޤައުމުގެ އެކަކު މަރުވެ، އިތުރު މީހަކު ޒަޚަމްވެފައިވާ ކަމުގައެވެ. އަދި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފު ނުވާ ކަމަށް އޭނާ ބުންޏެވެ.

އީރާނުގެ ހިރްމަންދް ޕުރޮވިންސުގެ ގަވަރުނަރު މައިޞަމް ބަރަޒަންދެހް ވިދާޅުވީ، އެ ޤައުމުގެ ސިފައިން ތާލިބާނުންގެ ބަޔަކަށް ހަމަލާދީފައި ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް، އީރާނުގެ ސަރަޙައްދަށް ވަދެ، އެ ތަނުގައި އަފްޣާނިސްތާނުގެ ދިދަ ނަގަން އުޅުމުން ކަމުގައެވެ. އަދި، މިހާރު ހަމަލާ ބަދަލުކުރުން ހުއްޓައިލާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބަޑި ޖެހުމުގެ ހާދިސާއާ ގުޅިގެން، ނިމްރޫޒް ޕުރޮވިންސުގައި ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ، އެ މީހުންގެ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމަށްފަހު ވެރިކަމާ ހަވާލުވި ފަހުން ތާލިބާނުންނާއި އީރާނުގެ ސަރަހައްދީ އިން ބަލަހައްޓާ ސިފައިންނާ ދެމެދު ދޭތެރެދޭތެރެއިން ހަމަލާ ބަދަލުކޮށްފައިވެއެވެ. އަދި، ޕާކިސްތާނު ސިފައިންނާ ދެމެދު ހިނގާ މި ފަދަ ހާދިސާތައް ވަނީ އިތުރުވެފައެވެ.