ޚަބަރު

ކެލިފޯނިޔާގައި އަލިފާން ރޯވެ ގިނަ އަދަދެއްގެ ގެދޮރު އަނދައިފި


އެމެރިކާގެ ކެލިފޯނިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ހިސާބުތަކަށް ފެތުރި ގިނަ އަދަދެއްގެ ގެދޮރާއި ޢިމާރާތްތައް އަނދައިފިއެވެ. ކެލިފޯނިޔާގެ އުތުރާއި، އެ ސްޓޭޓްއާ އިންވެގެން އޮންނަ އޮރިގަންގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރުމާ ގުޅިގެން، 2,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

"މެކިނީ"ގެ ނަން ދީފައިވާ މި އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް ގާތްގަނޑަކަށް 40,000 އޭކަރުގެ ބިން އަނދާފައިވާ ކަމަށާއި، އަލިފާންގަނޑުގެ އެންމެ އިންސައްތައެއް ވެސް އަދި ކޮންޓްރޯލް ކުރެވިފައި ނުވާ ކަމުގައި ކެލިފޯނިޔާގެ އޮފިޝަލުން ބުނެއެވެ. އަލިފާންގަނޑުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ 44,000 މީހުންގެ އާބާދީއެއް އޮންނަ އެ ސްޓޭޓްގެ ރަށެއް ކަމުގައިވާ ސިސްކިޔޫ ކައުންޓީއަށެވެ.

މިއީ މި އަހަރުގެ ތެރޭގައި އަލިފާނުގެ ސަބަބުން ކެލިފޯނިޔާއަށް އަސަރު ކޮށްފައިވާ ދެވަނަ ފަހަރެވެ. ޔޮސެމިޓީ ނޭޝަނަލް ޕާކުގައި ރޯވެފައިވާ އަލިފާންގަނޑުގެ 59 އިންސައްތަ މިހާރު ނިއްވައިލާފައި ވާއިރު، އެ އަލިފާންގަނޑުގެ ސަބަބުން 19,000 އޭކަރުގެ ބިން ވަނީ އަނދާފައެވެ.