ޚަބަރު

ޖާސޫސްކުރުމުގެ ތުހުމަތުގައި އީރާނުން ސްވިޑްން މީހަކު ހައްޔަރުކޮށްފި


ޖާސޫސް ކުރުމުގެ ތުހުމަތުކޮށް އީރާނުން ސްވިޑްންގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. އެ މީހާ ހައްޔަރުކޮށްފައި މި ވަނީ އީރާނުގެ ރައްޔިތަކާ ދެކޮޅަށް ސްވިޑްންގެ ކޯޓެއްގައި ޝަރިޢަތް ހިންގައި، ހަނގުރާމައިގެ ކުށްތައް ހިންގި ކަމުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.

އީރާނަށް ޒިޔާރަތް ކުރާ، އަދި އެ ޤައުމުގައި ދިރިއުޅޭ ބޭރު ޤައުމުގެ މީހުން ހައްޔަރު ކުރުމަކީ އެ ޤައުމުން ޢާންމުކޮށް ކުރާ ކަމެކެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކުގެ މީހުން ގިނައެވެ. އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ބުނަނީ، މި އަމަލުތަކަކީ ހުޅަނގުގެ ޤައުމުތަކަށް ބިރު ދެއްކުމުގެ ގޮތުން އީރާނުން ހިންގާ އަމަލުތަކެއް ކަމުގައެވެ.

އީރާނުން ބުނީ ސްވިޑްންގެ މީހާ ހައްޔަރު ކޮށްފައި ވަނީ، ޝައްކު ކުރެވޭ ގިނަ އަމަލުތަކެއް ހިންގުމުން ކަމުގައެވެ. މި ގޮތުން އޭނާ ގިނަ ފަހަރެއްގެ މަތިން ފަލަސްތީނަށް ދަތުރުކޮށްފައި ވާ ކަމަށާއި، ފަތުރުވެރިންގެ މެދުގައި މަޤުބޫލުނޫން އީރާނުގެ ސަރަޙައްދުތަކަށް ދަތުރު ކޮށްފައިވާ ކަމަށާއި، ވިލާތުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނާ ބައްދަލުކޮށް އުޅޭ ކަމުގައެވެ. އޭނާ ޢާންމުކޮށް ބައްދަލުކޮށް އުޅޭ މީހުންގެ ތެރޭގައި އީރާނުގެ ޖާސޫސީ އިދާރާއިން ފާރަލަމުންދާ މީހުން ހިމެނޭ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

މި ކަމާ ގުޅޭ ގޮތުން ސްވިޑްންއިން ބުނީ، އެ މީހާ ހައްޔަރު ކޮށްފައި ވަނީ މޭ މަހުގެ ތެރޭގައި ކަމަށާއި، އެ ކަން އީރާނުން ކުރިން ސިއްރު ކޮށްފައި އޮތް ކަމުގައެވެ. އަދި، މިއީ ސިޔާސީ ނުފޫޒުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ސްވިޑްންއިން ސިފަ ކުރެއެވެ.

އީރާނާއި ސްވިޑްންއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި ވަނީ އީރާނުގެ ކުރީގެ އިސް އޮފިޝަލަކު ހައްޔަރުކޮށް، އޭނާއާ ދެކޮޅަށް ސްވިޑްންގައި ޝަރިޢަތް ފެށުމާ ގުޅިގެންނެވެ. ހާމިދު ނޫރީ ކިޔާ މި މީހާގެ މައްޗަށް، 1980 ވަނަ އަހަރު އީރާނުގެ ޖަލެއްގައި ގިނަ އަދަދެއްގެ ކުށްވެރިންތަކެއް މަރައިލި ކަމުގެ ކުށް ސާބިތު، އުމުރު ދުވަހަށް ޖަލަށް ލާން ސްވިޑްންގެ ކޯޓަކުން ވަނީ ހުކުމް އިއްވާފައެވެ.