ޚަބަރު

ބައިޑަން އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވެ، އެކަހެރިވެއްޖެ


އެމެރިކާގެ ރައީސް ޖޯ ބައިޑަން އަނެއްކާ ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމުގައި ވައިޓް ހައުސްއިން ބުނެފިއެވެ. ބައިޑަންއަށް އެންމެ ފަހުން ކޮވިޑް ޖެހުނީ ޖުލައި 21 ވަނަ ދުވަހުއެވެ. އަދި، ބަލި ފަސޭހަވުމުން ޖުލައި 27 ވަނަ ދުވަހު ވަނީ އެނބުރި މަސައްކަތަށް ނިކުމެ ވަޑައިގަންނަވާފައެވެ.

ވައިޓް ހައުސްގެ ޑޮކްޓަރު ކެވިން ކޮނަރ ވިދާޅުވީ، މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެފައި މި ވަނީ، ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރި ބޭހެއް ކަމުގައިވާ ޕެކްސްލޮވިޑްގެ ސަބަބުން ކަމުގައެވެ. އަދި، މި ބޭސް ބޭނުން ކުރުމުން ބަލި ފަސޭހަވުން އަވަސްވި ނަމަވެސް، މުޑަ މުއްދަތެއްގައި ތެރޭގައި ދެވަނަ ފަހަރަކަށް "ރީބައުންޑް އިންފެކްޝަން" ޖެހުމުގެ ފުރުޞަތު އޮންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

މިއީ، ވަރަށް މަދު މީހަކަށް ކުރިމަތިވާ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ފައިޒަރ ކުންފުނިން އުފައްދާފައިވާ ޕެކެސްލޮވިޑްއަކީ، "ހައި-ރިސްކް" ނުވަތަ ކޮވިޑްގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުންނަށް ދޭ ބޭހެކެވެ.

އަލުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން 79 އަހަރުގެ ބައިޑަން އަނެއްކާ ވެސް މި ވަނީ އެކަހެރިވެ ވަޑައިގަންނަވާފައެވެ. އަދި، މިޝިގަންގެ އިތުރުން އަމިއްލަ ރަށް ކަމުގައިވާ ވިލްމިންގްޓަންއަށް ކުރައްވަން ރާވާފައިވާ ދަތުރުފުޅު މިހާރު ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް، ޖުލައި 27 އާއި 28 ވަނަ ދުވަހު އޭނާ ވަނީ ގިނަ އަދަދެއްގެ މީހުންނާ އެކު ބައްދަލުވުންތައް ބާއްވަވާފައެވެ.