އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަން ލިވަޕޫލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެރޭ ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު އާންމުކޮށް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ނަމަވެސް، މި ފަހަރުގެ މެޗު ލެސްޓާގެ ދަނޑުގައި ކުޅުނު އިންގްލަންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ޔޫރޯގެ ފައިނަލް އާދީއްތަ ދުވަހުގެރޭ ވެމްބްލީގައި ކުޅެން ހަމަޖެހިފައިވާތީއެވެ.
ސިޓީ ބަލިކޮށް މި ފަހަރުގެ ކޮމިއުނިޓީ ޝީލްޑް މެޗު ލިވަޕޫލުން ކާމިޔާބުކުރިއިރު، މިއީ އެ ޓީމުން 2006 ވަނަ އަހަރުގެ ފަހުން މި ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މުހައްމަދު ސަލާހު ދިން ބޯޅައެއްގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެންޓް އެލެކްޒަންޑާ-އާނޯލްޑެވެ.
މި މެޗުގެ 70 ވަނަ މިނިޓުގައި ސިޓީން މެޗުގެ ނަތީޖާ އެއްވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒްކާމިޔާބުކޮށްދިން ލަނޑުންނެވެ.
އެކަމަކު މެޗުގެ 83 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ސަލާހް ވަނީ ލިވަޕޫލަށް އަލުން ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސްގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ލިވަޕޫލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގަގައެވެ. އެންޑީ ރޮބަޓްސަންގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އައު ފޯވާޑް ޑާވިން ނޫނޭޒްއެވެ. މި މެޗުގައި ސިޓީއާ އަލަށް ގުޅުނު ނޯވޭގެ ފޯވަޑް އާލިން ހާލާންޑް ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ނަމަވެސް، ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މި ފަަރުގެ ޝީލްޑް މެޗުން ސިޓީ ބަލިވިއިރު، އެ ޓީމު ވަނީ މިދިޔަ އަހަރުގެ ޝީލްޑް މެޗުންވެސް ބަލިވެފައެވެ. އެ ފަހަރު ސިޓީ ބަލިވީ ލެސްޓާ އަތުންނެވެ.