ޚަބަރު

ސޮނާކްޝީ ބޭބެއާއެކު މަސައްކަތްކުރާ ފިލްމުގެ ފަސްޓު ލުކް ދައްކާލައިފި


ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ބޭބެ ކުޝް ސިންހާ އަލަށް ޑައިރެކްޓުކުރާ ފިލްމު "ނިކިތާ ރޯއި: އެންޑް ދަ ބުކް އޮފް ޑާކްނެސް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

ސޮނާކްޝީ ލީޑްރޯލުން ފެންނަ މި ފިލްމުގައި ސޮނާކްޝީގެ އިތުރުން ޕަރޭޝް ރާވަލް އާއި ސުހައިލް ނައްޔަރުވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވީ ނަމަވެސް މި ފިލްމާބެހޭ އިތުރު ތަފުސީލެއް ހާމައެއްނުކުރެއެވެ. ފިލްމުގެ ނަމާއި ޕޯސްޓަރަށް ބަލާލުމުން މި ފިލްމު ވާނީ ބިރުވެރި ޖޯންރާގެ ފިލްމަކަކަމަށް ބެލެވެއެވެ.

ނިކީ ވިކީ ބަގްނާނީ ފިލްމްސް އާއި ނިކިތާ ޕައި ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ސޮނާކްޝީއާއި ކުޝް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ސޮނާކްޝީގެ ދެ ބޭބެއިންގެ ތެރެއިން ކުޝް ޑައިރެކްޝަނަށް ނުކުތް އިރު، އޭނައާ އެއްމާބަނޑު ލަވް ސިންހާ މިހާތަނަށް ދެ ފިލްމެއް ކުޅެފައިވެއެވެ. އެއީ 2010 ގެ "ސަދިޔާން" އާއި 2018 ގެ "ޕަލްޓާން" އެވެ.

2010 ވަނަ އަހަރު ދެއްކި "ދަބަންގް" އިން ސަލްމާނުޚާނާއިއެކު ބޮލީވުޑަށް ތަޢާރަފުވި ސޮނާކްޝީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑަބަލް އެކްސްއެލް" އާއި "ކަކުޑާ" އަދި ސަންޖޭ ލީލާ ބަންސާލީގެ "ހީރާމަންޑީ" ވެސް ހިމެނެއެވެ.