ޚަބަރު

ބަޣުދާދުގައި ހިނގި ހަމަނުޖެހުންތަކުގައި 100އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެ


އިރާޤުގެ ޝީޢީންގެ އިސް ލީޑަރެއް ކަމުގައިވާ މުޤްތަދާ އަލްޞަދުރަށް ތާޢީދު ކުރާ މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި 125 މީހުން ޒަޚަމްވެއްޖެއެވެ. މި ކުރިމަތިލުންތައް ފެށުނީ، ވެރިރަށް ބަޣުދާދުގައި ދައުލަތުގެ މައި ޢިމާރާތްތަކާއި ބޭރު ޤައުމުތަކުގެ އެމްބަސީތައް ހުންނަ ގްރީން ޒޯނަށް އަލްޞަދުރަށް ތާޢީދު ކުރާ މީހުން ގަދަ ބާރުން ވަނުމުންނެވެ.

މުޒާހަރާގެ ބައިވެރިން ވަނީ، ފުލުހުންގެ ރޮނގުތައް ހުރަސްކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތުގެ ތެރެއަށް ވެސް ވަދެފައެވެ. އިރާޤުގެ ސިޔާސީ މަސްރަޙު މިހާރު އޮތީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ޢާންމު އިންތިޚާބުގައި އަލްޞަދުރުގެ ޕާޓީއަށް ކާމިޔާބީ ލިބުނު ނަމަވެސް، ސަރުކާރެއް އެކުލަވައިލުމަށް އެ ޕާޓީން ކުރި މަސައްކަތްތައް ލާފައި ވަނީ ފަނުފުލުންނެވެ.

އެ މަސައްކަތް ނާކާމިޔާބުވީ، ޝީޢީންގެ އެހެން ޕާޓީތަކާ ނުގުޅި މަސައްކަތް ކުރުން ކަމުގައި ބެލެވެއެވެ. އެ ކަމާ ގުޅިގެން، އެ ޕާޓީން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 74 ގޮނޑި ދޫކޮށްލާފައެވެ. އަދި، އެ ގޮނޑިތައް ފަހުން ކާމިޔާބު ކޮށްފައި ވަނީ، ޝީޢީންގެ އެހެން ޕާޓީތައް އެކުވެގެން އެކުލަވައިލާފައިވާ ކޯލިޝަން ފްރޭމްވަރކުންނެވެ. އެއީ، އީރާނުން ވާގިވެރިވާ، އަދި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އެއްބާރުލުމާ އެކު ހިންގާ ކޯލިޝަންއެކެވެ.

އަލްޞަދުރުގެ ޕާޓީއާއި ކޯލިޝަން ފްރޭމްވަރކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގައި އިރާޤުގެ ސަރުކާރު މި ވަގުތު އޮތީ ހުއްޓުމެއްގެ ތެރޭގައެވެ. އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރުގެ މަޤާމު ހުސްކޮށް އޮންނަތާ މިހާރު 10 މަސް ވަނީ ފާއިތުވެފައެވެ.