ޚަބަރު

ކާބުލްގެ ކުރިކެޓު ދަނޑެއްގައި ބޮމެއް ގޮވައި ދެ މީހުން މަރުވެއްޖެ


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މައި ކުރިކެޓު ދަނޑުގައި ބޮމެއް ގޮވައި، ދެ މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ، ދަނޑުގައި ކުރިކެޓު މެޗެއް ކުރިއަށް ދިޔަ ވަގުތެއްގައެވެ. ބޮން ގޮވާފައި ވަނީ މި މެޗު ބެލުމަށް ޓަކައި ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި ތިބި ކުޅިބަލާ ސަރަޙައްދުގައެވެ.

މި ހާދިސާގައި ތޭރަ މީހަކު ޒަޚަމްވި ކަމަށާއި، ބާރަ މީހަކަށް އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނު ކަމުގައި ކާބުލްގެ މައި ހޮސްޕިޓަލަކުން ބުންޏެވެ. އަދި، މި ހަމަލާގެ ފަހަތުގައިވާ ބަޔަކު ހޯދަން ތަހުޤީޤު ކުރަމުންދާ ކަމުގައި ކާބުލްގެ ފުލުހުން ބުންޏެވެ. ބޮން ގޮވުމާ އެކު، ކުޑަ ވަގުތު ކޮޅަކަށް މެޗު މެދުކަނޑައިލިއެވެ. ނަމަވެސް، މަރުވި އަދި ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންގޮސް، ބޮން ގޮވި ހިސާބު ސާފު ކުރުމަށްފަހު، މެޗު ވަނީ އަލުން ފަށައިގެން ކުރިއަށް ގެންގޮސްފައެވެ.

އަފްޣާނިސްތާނަކީ ކުރިކެޓު ފޯރި ގަދަ ޤައުމެކެވެ. އަދި، އެ ޤައުމުގެ ޤައުމީ ކުރިކެޓު ޓީމުން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. ދުނިޔޭގެ އެންމެ މޮޅެތި ކުރިކެޓު ކުޅުންތެރިންގެ ތެރޭގައި ވެސް އެ ޤައުމުގެ ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިން ހިމެނެއެވެ.