ކޮވިޑް-19 ޖެހުމުގެ ފުރުޞަތު އެންމެ ބޮޑު "ހައި-ރިސްކް" ހުރިހާ މީހުން ބޫސްޓަރ ޑޯޒް ޖެހުމަށް އަވަސްވެގަތުމަށް ޞިއްޙަތާ ބެހޭ މާހިރުން އަނެއްކާ ވެސް އިރުޝާދު ދީފިއެވެ. ޞިއްޙީ މާހިރުން މި ކަމަށް ގޮވައިލާފައި މި ވަނީ ހަލުވި ކަމާއެކު ފެތުރޭ އޮމިކްރޯންގެ ސަބްވޭރިއެއްޓެއް ކަމުގައިވާ ބީއޭ.5 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
މާހިރުން ބުނީ ކޮވިޑާ ދެކޮޅަށް މިހާރު ވެސް ބޭނުން ކުރަމުންދާ ވެކްސިންތަކަކީ، ބީއޭ.5 ސަބްވޭރިއެންޓްގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކުން ރައްކާތެރިކޮށްދޭ ވެކްސިންތަކެއް ކަމުގައެވެ. އަދި، ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު މި ވެކްސިންތަކުން ވެސް ކުޑަ ކޮށްދޭ ކަމުގައެވެ.
އޮމިކްރޯންގެ ދެ ސަބްވޭރިއެންޓް ކަމުގައިވާ ބީއޭ.4 އަދި ބީއޭ.5 އަށް ޚާއްޞަ ކޮށްފައިވާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން ދާއިރު، އެ ވެކްސިނަށް މަޑު ނުކޮށް، މިހާރު ލިބެންހުރި ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައި، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ޞިއްޙީ މާހިރުން ނަސޭހަތްތެރިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެންމެ ހަލުވި ކަމާއެކު ފެތުރެމުން ދަނީ ބީއޭ.5 ސަބްވޭރިއެންޓްއެވެ. އަދި، މިދިޔަ އަހަރުގެ ފިނިމޫސުމުގައި ބީއޭ.1 ސަބްވޭރިއެންޓް ވިލާތުގެ ގިނަ ޤައުމުތަކެއްގައި ހަލުވި ކަމާއެކު ފެތުރިގެން ދިޔައެވެ. އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ރައްޔިތުންނަށް ބޫސްޓަރ ޑޯޒް ފޯރުކޮށް ދިނުމަށް އެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގައި މިހާރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 81.9 އިންސައްތަ މީހުންނަށް ބަލި ޖެހިފައި ވަނީ ބީއޭ.5 ސަބްވޭރިއެންޓްގެ ސަބަބުން ކަމުގައި އެ ޤައުމުގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން ވަނީ ބުނެފައެވެ. ބީއޭ.4 އަދި ބީއޭ.5 ސަބްވޭރިއެންޓްގެ ސަބަބުން، ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުންނާއި، ބަލިން ފަސޭހަވެފައިވާ މީހުންނަށް ވެސް ބަލި އަލުން ޖެހުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް، މި ސަބްވޭރިއެންޓްތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރު ދަށް ކަމުގައި ޞިއްޙަތާ ބެހޭ މާހިރުން ބުނެއެވެ.
އެމެރިކާއިން ވަނީ މޮޑަރނާއިން ތައްޔާރު ކޮށްފައިވާ ވެކްސިންގެ އިތުރު 66 މިލިޔަން ޑޯޒްއަށް އޯޑަރު ދީފައެވެ. މީގެ އިތުރުން، ފައިޒަރއާއި ބަޔޯއެންޓެކް ކުންފުންޏަށް ދީފައިވާ 105 މިލިޔަން ޑޯޒްގެ އޯޑަރާއެކު، މި އަހަރުގެ ފިނިމޫސުމުގެ ކުރިން އެމެރިކާގެ ވެކްސިން ސްޓޮކް 171 މިލިޔަނަށް އިތުރު ކުރާނެއެވެ. ވިލާތުގެ ޤައުމުތަކުން ވެސް ވަނީ، އޮމިކްރޯންގެ ސަބްވޭރިއެންޓްތަކަށް ޚާއްޞަކޮށްގެން އުފައްދާ ވެކްސިނަށް މިހާރުން ފެށިގެން އޯޑަރު ޖަހާފައެވެ.