ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް ވާދަކުރައްވާ ޓްރަސްސަށް ތާޢީދު އިތުރުވަނީ


އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރުގެ މަޤާމަށް ވާދަވެރި ކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، މި މަޤާމަށް ވާދަކުރައްވައި ދެ ބޭފުޅުންނަކީ ޚާރިޖީ ވަޒީރު ލިޒް ޓްރަސްއާއި ކުރީގެ މާލީ ވަޒީރު ރިޝީ ސުނާކެވެ. ކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅުއްވީ ސުނާކެވެ. ނަމަވެސް، ޓްރަސް މިހާރު ގެންދަ ވަނީ ކުރި ހޯއްދަވަމުންނެވެ.

ޓްރަސްއަށް މިހާރު މި ވަނީ އިތުރު ކުރިއެރުމެއް ވެސް ލިބި ވަޑައިގަންނަވާފައެވެ. އެއީ، އެ ޤައުމުގެ ދިފާޢީ ވަޒީރު ބެން ވޮލެސް އޭނާއަށް ތާޢީދު ކުރައްވާ ކަން ހާމަކުރެއްވުމެވެ. ބޮޑުވަޒީރު ބޮރިސް ޖޮންސަން އިސްތިޢުފާ ދެއްވުމުން އޭނާގެ މަޤާމާ ދެން ހަވާލު ވެޑައިގަންނަވާނެ ކަމަށް އެންމެ ގިނަ ބަޔަކު ޤަބޫލު ކުރި އެއް ބޭފުޅަކީ ވޮލެސްއެވެ. ނަމަވެސް، އޭނާ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

ވޮލެސް ވިދައިލާފައި ވަނީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރި ކަން ފޯރުކޮށްދިނުމަށް އޭނާ އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ. ބޮޑުވަޒީރުގެ މަޤާމަށް ވާދަ ކުރައްވާ ބޭފުޅުންގެ ލިސްޓުން އޭނާގެ ނަން ނަންގަވާފައި ވަނީ، ދިފާޢީ ވުޒާރާގެ މަސައްކަތްތައް ދޫކޮށްލައްވަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއެވެ.

ޓްރަސްއާ ގުޅޭ ގޮތުން ވޮލެސް ވިދާޅުވީ، ޓްރަސްއާ ވަރަށް ގާތުން ކެބިނެޓުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށާއި، އޭނާއަކީ އަމިއްލަ ގޮތުގައި ސާބިތުކަމާ އެކު ހުންނަވާ، ކަންކަމުގައި ހެޔޮ މަގު އިސްކުރައްވާ ބޭފުޅެއް ކަމުގައެވެ.

އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު އިޚުތިޔާރު ކުރުމުގެ ބާރު މިހާރު އޮތީ ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ 200,000 ޢާންމު މެންބަރުންގެ އަތުގައެވެ. މި އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު އެނގިގެން ދާނީ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ޓްރަސް އުޅުއްވަނީ ސުނާކަށް ވުރެ 24 ޕޮއިންޓު ކުރީގައެވެ.