ޚަބަރު

ބަދަލުގެ ގޮތުގައި ސިފައިންނަށް ޕުޓިން ދެއްވަން ވަޢުދުވެވަޑައިގަތް ފައިސާ ނުލިބޭ


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި މަރުވެފައިވާ އަދި ޒަޚަމްވާ ރަޝިޔާ ސިފައިންނަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. ރަޝިޔާއިން ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ހަނގުރާމައިގެ ކުރީކޮޅު ޕުޓިން ވަނީ، ހަނގުރާމައިގެ ތެރޭގައި މަރުވާ ސިފައިންގެ ޢާއިލާތަކަށާއި، ޒަޚަމްވާ ކޮންމެ ސިފައިންގެ މީހަކަށް ބަދަލެއްގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ދިނުމަށް ވަޢުދުވެ ވަޑައިގަންނަވާފައެވެ. "ހަނގުރާމައިގައި މަރުވާ ސިފައިންގެ ކޮންމެ މީހެއްގެއް ޢާއިލާއާއި، ޒަޚަމްވާ ކޮންމެ ސިފައިންގެ މީހެއްގެ ޢާއިލާއަށް އެހީތެރިވުމަކީ އަހަރުމެންގެ ޒިންމާއެއް،" މާރިޗު މަހު ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.

ނަމަވެސް، ރަޝިޔާގެ ބައެއް ސިފައިންގެ ވާހަކަތަކުން އެނގެނީ، ޕުޓިން ވިދާޅުވި ފައިސާ ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމެވެ. މި ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް ބެލެވެއެވެ. ހުޅަނގުން އަންދާޒާ ކުރާ ގޮތުގައި އެ އަދަދު މިހާރު ވަނީ 15,000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި، ޒަޚަމްވެފައިވާ ސިފައިންގެ އަދަދު އެއަށްވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި ކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދެއްކި ރަޝިޔާގެ ބައެއް ސިފައިން ބުނަނީ، އެ ފައިސާ ދޫކުރުމަށް ކުރިން ކަނޑައަޅާފައިވާ ޝަރުޠުތައް މިހާރު ބަދަލު ކޮށްފައިވާ ކަމުގައެވެ. އަދި، އެ ފައިސާ ހޯދުމަށް އެދި ފޯމު ހުށަހެޅުމުގައި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ސިފައިންނަށް ކުރިމަތިވާ ކަމުގައެވެ.

މި ފަދަ ސިފައިންނަށް އެހީތެރި ކަން ފޯރުކޮށްދޭ ރަޝިޔާގެ ޤާނޫނީ ވަކީލުންގެ ޓީމަކުން ބުނީ، އެހީތެރިކަމަށް އެދި އެތައް ސަތޭކަ ސިފައިންނެއް އެދެމުންދާ ކަމުގައެވެ. އަދި، މި ކަމާ ގުޅިގެން ރަޝިޔާ ސިފައިންގެ މެދުގައި ސަރުކާރާ މެދު ހިތްހަމަނުޖެހުން އިތުރުވަމުންދާ ކަމުގައި ވެސް އެ ޓީމުން ބުންޏެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއާއި ޞިއްޙީ ވުޒާރާގެ އިތުރުން އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން ވެސް މި ކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި، މަރުވެފައިވާ ސިފައިންނާއި ޒަޚަމްވެފައިވާ ސިފައިންގެ ފުރިހަމަ އަދަދުތައް ވެސް ހާމަކޮށްފައެއް ނުވެއެވެ.