ޚަބަރު

އެއް ޗައިނާ ސިޔާސަތަށް ރަޝިޔާގެ ތާޢީދު އޮންނާނެ: ރަޝިޔާ


ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ "އެއް-ޗައިނާ" ސިޔާސަތަށް ތާޢީދު ކުރުމުގައި ރަޝިޔާއިން ދެމި އޮންނާނެ ކަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސަރްގެއި ލެވްރޮފް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، މިނިވަންކަން ދެމެހެއްޓުމަށް ޓައިވާނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ޝީއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

ބައިޑަންއާ ވާހަކަފުޅު ދައްކަވަމުން ޝީ ވަނީ، ޓައިވާނުގެ މައްސަލައަށް އިޝާރާތް ކުރައްވާ "އަލިފާނާ ކުޅެން ނޫޅުމަށް" އެމެރިކާއަށް ގޮވައިލައްވާފައެވެ. ޗައިނާއިން މަސައްކަތް ކުރަމުން ދަނީ ޓައިވާނަކީ އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ނަމަވެސް، މިއީ އެމެރިކާއިންނާއި ހުޅަނގުގެ އެހެން ބާރުތަކުން ރުހޭ ކަމެއް ނޫނެވެ.

ޓައިވާނުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ލެވްރޮފް ވިދާޅުވީ، އެއް-ޗައިނާ ސިޔާސަތު ދެމެހެއްޓުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް އެ ޤައުމުން އެއްބާރުލުން ދޭނެ ކަމުގައެވެ. "ޗައިނާއިން އެ ޤައުމުގެ ސިޔާދަތު ދަމަހައްޓައި ރައްކާތެރި ކުރުމަށް ކުރާ މަސައްކަތްތަކަށް ރަޝިޔާއިން ތާޢީދު ކުރާނެ،" އޭނާ ވިދާޅުވިއެވެ.

ޓައިވާނުގެ މައްސަލައިގައި ޗައިނާއިން އެމެރިކާއަށް އިންޒާރުދީފައި ވަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނޭންސީ ޕެލޯސީ، ޓައިވާނަށް ދަތުރުފުޅެއް ކުރެއްވުމަށް ތައްޔާރުވަމުންދާ ކަމުގެ ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޕެލޯސީގެ އޮފީހުން މި ކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.