ވިޔަފާރި

ދުނިޔޭގެ 25 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ


ބައިނަލްއަޤްވާމީ 25 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެތެރޭގައި ޝެޑިއުލް ފްލައިޓްތަކާއި ޗާޓަރ ފްލައިޓްތައްވެސް ހިމެނެއެވެ.

ކޯވިޑަށްފަހު ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ވަނީ ސީދާ ދަތުރުތަކުން ގުޅާލާފައެވެ. ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 25 އެއަރލައިންއަކުން ދަތުރުކުރަމުންދާއިރު މީގެތެރޭގައި ޔޫރަޕް، މެދުއިރުމަތި، އޭޝިއާ އަދި އެހެން ސަރަހައްދުގެ ގިނަ އެއަރލައިންތަކަކުން އަންނަނީ ދަތުރުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޔޫރަޕްގެ 7 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރެއެވެ. އޭގެތެރޭގައި ޝެޑިއުލްކޮށްގެން އަންނަ 5 އެއަރލައިނާއި، ޗާޓަރ 2 އެއަރލައިން ހިމެނެއެވެ. ޝެޑިއުލް ދަތުރުކުރަމުން އަންނަނީ އެއިރޯފްލޮޓް، އެޑެލްވެއިސް، ނިއޯސް، ޔޫރޯވިންގ ޑިސްކަވަރ، ޓާކިސް އެއަރލައިނެވެ. އަދި ޝެޑިއުލް ދަތުރުކުރަނީ އެއަރ އާސްތާނާ، ލޮޓް ޕޮލިޝް އެއަރލައިނެވެ.

މެދުއިރުމައްޗަށް ބަލާލާލައިރު މި ސަރަހައްދުން ރާއްޖެއަށް 6 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. މިއީ މުޅިންވެސް ޝެޑިއުލް ދަތުރުކުރާ އެއަރލައިންތަކެވެ. އެއީ އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ފްލައި ދުބާއީ، ގަލްފް އެއަރ، ގަތަރު އެއަރވޭސް، ސައުދީ އަރަބިއަން އެއަރވޭސްއެވެ.

އަވަށްޓެރި އިންޑިއާއަށް ބަލާލާއިރު އެ ޤައުމުގެ 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރެއެވެ. އެއީ ޝެޑިއުލް 2 އެއަރލައިނަކާއި ޗާޓަރ 1 އެއަރލައިނެކެވެ. ޝެޑިއުލް ދަތުރުކުރަނީ އެއަރ އިންޑިއާ އަދި އިންޑިގޯއެވެ. ޗާޓަރ ދަތުރުކުރަނީ އެއަރ ވިސްތާރާއެވެ.

އެހެނިހެން ސަރަހައްދުތަކަށް ބަލާލާއިރު ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކުން ރާއްޖެއަށް 8 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. އެއީ ޝެޑިއުލް 7 އެއަރލައިނަކާއި ޗާޓަރ 1 އެއަރލައިނެކެވެ. ޝެޑިއުލް ދަތުރުކުރާ އެއަރލައިންތަކަކީ އެއަރ އޭޝިއާ، އެއަރ އޭޝިއާ ތައިލޭންޑް، އެއަރ ސީޝެލްސް، ބެންކޮކް އެއަރވޭސް، ސިންގަޕޯރ އެއަރލައިންސް އަދި ސްރީލަންކަން އެއަރލައިންސްއެވެ. ޗާޓަރ ދަތުރުކުރާ އެއަރލައިނަކީ ޔޫއެސް ބަންގްލާ އެއަރލައިންއެވެ.

ކޯވިޑް19 އާއި ގުޅިގެން މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓި ރާއްޖޭގެ ބޯޑަރުވެސް ވަނީ ގާތްގަނޑަކަށް 3 މަސްދުވަހަށް ބަންދުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރު ވަނީ ފަށާފައެވެ. އަދި މިހާރުވެސް ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުކުރުމުގެ ޝައުގުވެރިކަން ދަނީ ފާޅުކުރަމުންނެވެ.