ޚަބަރު

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި


ހައްޖު މޫސުމާ ދިމާކޮށް ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އައުމުގެ ސަގާފަތް ބަދަލުކޮށް މި އަހަރު އިސްލާމީ އައު އަހަރާއެކު ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ.

މީގެ ކުރިން ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރަނީ ކޮންމެ އަހަރެއްގެވެސް ހައްޖުމަހުގެ 9ވަނަ ދުވަހުއެވެ. ނަމަވެސް ސައުދީ ސަރުކާރުން މިފަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށް ނިންމީ މުހައްރަމްމަހުގެ 1ވަނަ ދުވަހުއެވެ. މިއހަރު މުޙައްރަމް މަހުގެ 1ވަނަ ދުވަހު ކިސްވާ ބަދަލުކުރިނަމަވެސް މިއީ ދާއިމަށް ބަދަލުކުރި އުޞޫލެއްކަމަށް ސަޢުދީން ނާންގައެވެ. އެހެންކަމުން ދެން ގެފުޅުގެ އުރަކޮޅު ބަދަލުކުރާނީ 1444ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ.

ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އެ އަހަރަކު ޙައްޖަށް ގޮސްތިބޭ ޤައުމުތަކުގެ ވެރިންވެސް ބައިވެރިވެއެވެ. މިއަހަރާ ހަމަޔަށް މިކަން ކުރަމުން އައީ އެތައް މިލިއަން މީހުންނާއެކު ޙަރަމްފުޅު ފުރިފައި އޮތުމަށްފަހު ހުސްވާ ދުވަހުއެވެ. ޙައްޖު މަހުގެ 9ވަނަ ދުވަސް ނުވަތަ ޙައްޖު ދުވަހުއެވެ. އެދުވަހު ހުރިހާ ޙައްޖުވެރިން ތިބޭނީ ޙައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރުމަށް އަރަފާތު ބިމުގައެވެ. ނަމަވެސް މިއަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރި ވަގުތު އެތައްބަޔަކު ގެފުޅުވަށާ ތަވާފްކުރުމަށް މީހުންތިއްބެވެ.

ޙައްޖުގެ ކިސްވާ ކޮންމެ އަހަރަކު ބަދަލުކުރަމުން އަންނައިރު އެ ކިސްވާ ފަހާފައި އޮންނަނީ އެންމެ މޮޅު ސިލްކުންނެވެ. އަދި ކިސްވާގެ މެދަށްވާ ގޮތަށް ގެފުޅު ވަށާ ލިޔެފައިވާ ޤުރުއާނުގެ އަޔާތްތައް ވިޔެފައި ހުންނަނީ ރަނާއި ރިހީގެ ރޮދިންނެވެ. 670 ކިލޯއަށްވުރެ ގިނަ ސިލްކާއި 120 ކިލޯއަށްވުރެ ގިނަ ރަން ރޮއްޖާއި 100 ކިލޯއަށްވުރެ ގިނަ ރިހި ރޮދި ބޭނުންކޮށްގެން ވިޔެފައިވާ ކިސްވާ އެ މަސައްކަތް ނިންމާ ޙަރަމަށް ގެންނަނީ އެކަމަށްޓަކައި ހާއްސަކުރެވިފައިވާ އުޅަނދެއްގައެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްފަހު ބައު އުރަކޮޅު ސާފުކުރުމަށްފަހު އޭގެ ބައެއް ބައިތައް އެކު އާސާރުތަކަށް ސައުދީ ސަރުކާރުން އަންނަނީ ހަދިޔާކުރަމުންނެވެ.

ކޮންމެ އަހަރެއްގެ ހައްޖާއި ދިމާކޮށް ގެފުޅުގެ އުރަކޮޅު ކިސްވާއަށް ވެސް ބައެއް ބަދަލުތައް ގެނެއެވެ. މިގޮތުން ކިސްވާ ތިރިން ފެށިގެން ވަކިވަރަކަށް ވުރެ މައްޗަށް ހިއްލައެވެ. އަދި ކިސްވާގެ ތިރީ ކައިރީގައި ޙައްޖުވެރިންގެ އިހްރާމް ސިފަވާގޮތަށް ހުދު ފޮތި ގަނޑެއް ހަރުކުރެއެވެ.

ޢާއްމުކޮށް ކޮންމެ އަހަރަކުވެސް ޙައްޖުމަސް ފެށުމުގެ ކުރިން ޒުލްޤައިދާ މަހުގެ 15ވަނަދުވަހު ގެފުޅުގެ އުރަކޮޅު ކިސްވާ ބިމުން ފެށިގެން ތިން މީޓަރު މައްޗަށް ހިއްލައެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން 2020ވަނަ އަހަރުގައި ކިސްވާ މައްޗަށް ހިއްލާލީ ޙައްޖު މަހުގެ އެއްވަނަދުވަހުއެވެ. މިފަހަރު މިދުވަހުވެސް މުޅި ހަރަމްފުޅު އޮތީ ހުސްކޮށެވެ. ނަމަވެސް މިއަހަރުގެ ކިސްވާ ބަދަލުކުރިއިރު ކިސްވާގެ ތިރީ ކައިރީގައި ޙައްޖުވެރިންގެ އިހްރާމް ސިފަވާގޮތަށް އޮންނަ ހުދު ފޮތި ގަނޑެއް ފެންނާކަށް ނެތެވެ.

ކިސްވާ މައްޗަށް އުފުލާ ހިއްލާލާ އެއް ސަބަބަކީ ޙައްޖުގެ ދުވަސްވަރު އަންނަ މީހުންނާއިގެ ހަރަމްފުޅު ފުރި ބާރުވެފައި އޮންނައިރު ގެފުޅުގެ އުރަކޮޅަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. ސަބަބަކީ މީހުން ގިނަވެ ތޮއްޖެހިފައި އޮއްވާ ގެފުޅުގެ އުރަކޮޅުގައި ހިފާ ދަމާ ހެދުމުން ކިސްވާ އިރައިގެންގޮސް ބައެއް ވެއްޓި އެއްވެސް ޙައްޖާޖީއަކަށް ގެއްލުމެއް ދިމާވިޔަ ނުދިނުމެވެ.