ރިޕޯޓް

ކަރަންޓް ޚަރަދު ކުޑަކުރުމުގައި ފަރުދީ ޒިންމާ ބޮޑު !


ބޭނުން ނުކުރާ ވަގުތުތަކުގައި ދިއްލުންތަކާއި ޓީވީ އަދި އެއަރކޮންޑިޝަން ފަދަ އިލެކްޓްރޯނިކް ސާމާނު ނިއްވާލާފައި ބެހެއްޓުމަކީ ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. ނަމަވެސް، ގިނައިން އިވޭ އެއް އަޑަކީ، ގޭގައި ހޭދަކުރާ ވަގުތުގެ ކުޑަކަމާއި، ނަމަވެސް ކަރަންޓު ބިލުން އެކަން ނުފެންނަކަމުގެ ޝަކުވާގެ އަޑެވެ. ނަމަވެސް، ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ދިއްލުންތަކާއި ޓީވީ އަދި އެއަރކޮންޑިޝަން ފަދަ އިލެކްޓްރޯނިކް ސާމާނު ހުންނަނީ ނިއްވާލާފައިވާތޯ، މިއީ ކޮށްލުން މުހިއްމު ސުވާލެކެވެ.

ކަރަންޓް ޚަރަދު ކުޑަކުރުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެކަމެކެވެ. އެގޮތުން ބޭކާރުގޮތުގައި ކަރަންޓް ބޭނުންކުރުމުގެ ބަދަލުގައި ބޭނުންނުކުރާ ވަގުތުތަކުގައި ދިއްލުންތަކާއި ޓީވީ އަދި އެއާކޮންޑިޝަން ފަދަ ކަރަންޓު ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ނިއްވާފައި ބެހެއްޓުމުގެ އާދައަކީ އަށަގަންނަންޖެހޭ އާދައެކެވެ. މި ގޮތަށް ޢަމަލުކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ. ނަމަވެސް، މިފަދަ އާދަތަކަށް އަމަލު ނުކުރާ މީހުންވެސް މަދެކޭ ދެންނެވޭކަށް ނެތެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތަކުގައި މިފަދަ ތަކެތި ނިއްވާލާފައި ބަހައްޓަން ހަނދާން ނެތުމަކީވެސް މީގެ ސަބަބެއްކަމަށް ޤަބޫލުކުރެެއެވެ.

ރޭގަނޑު ދިއްލާ ބޮކި ފަދަ ދިއްލުންތައް، ދުވާލުގެ ވަގުތުތަކުގައިވެސް ދިއްލާފައި ހުންނަ މަންޒަރަކީ ފެންނަ މަންޒަރެކެވެ. އަދި މިކަމުގެ ސަބަބުން ބޭކާރު ގޮތުގައި ކަރަންޓަށް ބޮޑު ހޭދައެއް ހިނގައެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދީފިނަމަ، ކަރަންޓު ބިލަށް ހޭދަވާ ފައިސާގެ ބޮޑު މިންވަރެއް ކުޑަ ކުރެވޭނެކަމަކީ ޔަޤީންކަމެކެވެ.

މިއާދަ އަމިއްލަ ގޭގެ އިތުރުން ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުންެވެސް އަށަގަންނަންޖެެއެވެ. އޭރުން ސަރުކާރުންވެސް ކަރަންޓަށް ކުރައްވާ ހޭދަ އެތައްތަނެއް ކުޑަވެގެންދާނެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ދެއްވާ ކަރަންޓްގެ ޚިދުމަތުން ނަންގަވާ އަގުގެ ރޭޓަށް ސަރުކާރުންވަނީ ބަދަލު ގެންނަވާފައެވެ. މިކަމަށް ޢަމަލުކުރައްވަން ފައްޓަވާނީ މިއަދެވެ. މިއާއެކު  ސަރުކާރުން ކަރަންޓަށް ކުރައްވާ ހޭދަ ކުޑަ ކުރެއްވުމުގެ ގޮތުން ކަރަންޓް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ސްޓެލްކޯއަށް ދެއްވާ ސަބްސިޑީ ކަނޑުއްވާލައްވައި ފެނަކައާއި އެމްޑަބްލިޔޫއެސްސީއަށް ދެއްވާ ސަބްސިޑީގެ މިންވަރު ވަނީ ކުޑަކުރައްވާފައެވެ.

މި ބަދަލުތަކަށް ޢަމަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުން ފެށިގެންނެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ދެއްވުމުގެ ޔަޤީންކަން ހޯއްދެވުމަށް ގެންނެވި ބަދަލެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. 

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަބްދުއްޝުކުރޫ ޞާލިހު ވިދާޅުވީ އެ ކުންފުނިން ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ދެއްވުމަށް މަސައްކަތް ކުރައްވާއިރު ރައްޔިތުންވެސް އިސްރާފް ނުކޮށް ހެޔޮގޮތުގައި ކަރަންޓް ބޭނުންކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

" ޑީސަލް، އަވިން އަދި ވައިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިން ނަމަވެސް އަޅުގަނޑުމެންގެ އެދުމަކީ ކަރަންޓް ބޭނުންކުރުމުގައި އިސްރާފް ނުކުރާށޭ. ހެޔޮގޮތުގައި ބޭނުންކުރާށޭ" ޝުކުރޫ ވިދާޅުވިއެވެ.

ސަރުކާރުން ކަރަންޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ދެއްވާ ފައިސާގެ މިންވަރަށް ބަދަލު ގެންނަވާފައިވާއިރު މިދިޔަ އަހަރު އެކަނިވެސް، ކަރަންޓް ސަބްސިޑީއަށް 712 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ.