ޚަބަރު

"ބަވާލް" އަކީ ވަރުންގެ އެންމެ އަގުބޮޑު ފިލްމު


މިހާރު އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު ކަމަށްވާ ސާޖިދު ނަދިއަދްވާލާގެ "ބަވާލް" ގެ ޝޫޓިންގ ޕޮލެންޑުގެ ވާސޯގައި ކުރިއަށްގެންދާއިރު މި ފިލްމުގެ ލީޑްރޯލުން ފެންނާނީ ވަރުން ދަވަން އާއި ޖާންވީ ކަޕޫރެވެ.

ވަރުން އާއި ޖާންވީވެސް ދަނީ އެމީހުންގެ ޝޫޓިންގ ކުރިއަށްދާގޮތް ފޭނުންނާ ހިއްސާކުރަމުންނެވެ. "ބަވާލް" ވެގެންދާނީ ޕްރޮޑަކްޝަން ވެލިއު އިން ވަރުން ދަވަންގެ އެންމެ ބޮޑު ބަޖެޓް ލިބޭ އެއް ފިލްމަށެވެ.
ަ
ވަރަށް ތަފާތު ލޯބީގެ ފިލްމެއް ކަމަށްވާ މި ފިލްމުގެ މަންޒަރުތައް ޕެރިސް، ބާލިން، ޕޮލެންޑް، އެމްސްޓަޑަމް، ކްރަކޯވް، ވާރސޯ ފަދަ އަގުބޮޑު އަދި ޝައުގުވެރި ތަންތަނުގައެވެ. މީގެ ބައެއް މަންޒަރުތައް އިންޑިއާގައި ވެސް ވަނީ ޝޫޓްކޮށްފައެވެ.

މި ފިލްމުގެ ޝޫޓިންގް އަށް ދުވާލަކު ގާތްގަނޑަކަށް 2.5 ކްރޯޑް ޚަރަދުވާއިރު ޝޫޓިންގް ވަނީ 10 ދުވަހަށް ދިގުދެމިފައެވެ. އަދި މިއީ ވަރުންގެ މިހާތަނަށް އެންމެ އަގުބޮޑު ފިލްމެވެ.

"ބަވާލް" ޕްރޮޑިއުސް ކުރަނީ ސާޖިދު ނާދިއަދްވާލާ، ނާދިއަދްވާލާ ގްރެންޑްސަންގެ ބެނާގެ ދަށުންނެވެ. ކޯ ޕްރޮޑިއުސް ކުރަނީ އާރތްސްކައި ޕިކްޗާސް އިންނެވެ. ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ސިނަމާތަކުގައި އަޅުވާނީ އަންނަ އަހަރު އޭޕްރީލް 7 ގައެވެ.