ޚަބަރު

ސަޢޫދީ ވަލީއަޙުދު ފަރަންސޭސިވިލާތުގެ ރައީސާ ބައްދަލުކުރައްވައިފި


ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ވިލާތުގެ ދެ ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން ފަރަންސޭސި ވިލާތަށް ޒިޔާރަތް ކުރައްވައި، އެ ޤައުމުގެ ރައީސް އެމަނުއެލް މެކްޚޯނާ ބައްދަލު ކުރައްވައިފިއެވެ. އޭނާގެ މި ދަތުރުފުޅަކީ، ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމު ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާ އެކު އޮތް ގުޅުންތައް ބަދަހިކުރަން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

ސަޢޫދީ ވަލީއަޙުދުގެ އިސްތިޤުބާލުގައި މެކްޚޯން ވަނީ ފަރަންސޭސި ވިލާތުގެ ރިޔާސީ ގަނޑުވަރުގައި ރޭގަނޑުގެ ފަރިއްކޮޅެއް ބާއްވަވާފައެވެ. މި ކަމާ ގުޅިގެން، ފަރަންސޭސި ވިލާތުގެ އިދިކޮޅު ޕާޓީތަކުންނާއި އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ އެ ޤައުމުގ=ގެ ޖަމުޢިއްޔާތަކުން ވަނީ މެކްޚޯނަށް ފާޑު ކިޔާފައެވެ.

ސަބަބަކީ، ވޮޝިންގްޓަން ޕޯސްޓުގެ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝޮގްޖީ މަރައިލާފައި ވަނީ ވަލީއަޙުދުގެ އަމުރަކަށް ކަމުގައި ކުރެވޭ ތުހުމަތުތަކެވެ. މީގެ ކުރިން އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކުން ވެސް ވަނީ މި ފަދައިން ތުހުމަތު ކޮށްފައެވެ. 2018 ވަނަ އަހަރު ޚާޝޮގްޖީ މަރައިލާފައި ވަނީ ތުރުކީ ވިލާތުގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައެވެ. ޚާޝޮގްޖީގެ މަރައިލުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގައި ވަލީއަޙުދު ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް ފެންނަމުން ދަނީ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުންތައް ބަދަހިކުރަން އެމެރިކާއާއި ހުޅަނގުން މަސައްކަތް ކުރަމުންދާ މަންޒަރެވެ. ވަކިން ޚާއްޞަކޮށް، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާއި، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ހުޅަނގުން ސަޢޫދީންނާ ގުޅުން ބަދަހިކުރަން ކުރުމަށް ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަން ފާހަގަ ކުރެވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ޖުލައި މަހުގެ ކުރީކޮޅު މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި، ވަލީއަޙުދާ ވަނީ ބައްދަލު ކުރައްވާފައެވެ. މެކްޚޮން ވެސް މިދިޔަ އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. ފަރަންސޭސި ވިލާތާއި ގްރީސްއަށް ވަލީއަޙުދު ކުރައްވާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޚާޝޮގްޖީގެ މަރަށް ފަހު އޭނާ ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.