ޚަބަރު

މަކުނުވިދުރީގެ ކޭސްއެއް ރާއްޖެއަކުން ނުފެނޭ - ހެލްތު މިނިސްޓްރީ


މަކުނުވިދުރީގެ އެއްވެސް ކޭސްއެއް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މަކުނު ވިދުރީގެ ޢަލާމަތްތައް ކަމަށް ޝައްކުކުރެވޭ ނިޝާންތައް ފެނިގެން ބައެއް ސިއްޙީ ޚިދުމަތްދޭ ތަންތަނުން ހެލްތު މިނިސްޓްރީއަށް ރިޕޯޓްކުރަމުންދާކަމަށެވެ. މިފަދަ ރިޕޯޓްތައް ލިބުމުން، އެއީ މަކުނު ވިދުރީގެ އަލާމަތްތޯ ބެލުމަށް ހެލްތު މިނިސްޓްރީން އެކަން އިތުރަށް ބަލަމުންދާކަމަށެވެ. އަދި މިކަމާ ގުޅޭ އިވަލުއޭޝަންތަކެއް ހަދާކަމަށެވެ.

މިގޮތަށް ހުށައެޅުނު ކޭސްތަކުގައި، މަކުނު ވިދުރިއަށް ޝައްކު ކުރެވޭ ކޭސްއެއްވެސް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދެއްކި މީހެއްގެ ގައިން މަކުނު ވިދުރީގެ އަލާމާތް ފެނިފައިވާކަމަށް، ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ފެތުރެމުންނެވެ. ނަމަވެސް މިނިސްޓްރީންވަނީ މިކަން ދޮގުކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ މަކުނުވިދުރިއަކީ މުޅި ދުނިޔެއަށް އޮތް ޞިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ކަނޑައެޅީ ޖުލައި 23ވަނަ ދުވަހުއެވެ.

މި ބަލި 75 ޤައުމަކުން ވަނީ ފެނިފައެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމަކަށްވާތީ، ރާއްޖެއިން އެ ބަލި ފެނުމުގެ ފުރުޞަތު ބޮޑުކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.