ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުުރުފުޅަކީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ދަތުރުފުޅުގައި ފުރާވަޑައިގަތީ ބުދަ ދުވަހުއެވެ. މި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަނީ އިންޑިއާގެ "ނޭޝަނަލް ވޯރ މެމޯރިއަލް"އަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ ޝަރަފުގައި އިންޑިއާ ސިފައިން ވަނީ ގާޑް އޮފް އޮނަރއެއް އެރުވާފައެވެ.
މި ދަތުރުފުޅުގައި އިންޑިއަން އަރމީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ބައްދަލުވުންތަކެއްވަނީ ފަށްޓަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ އިތުރުން އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއިވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި، ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތަކާއި އަދި އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި، ކުރިމަގުގައި ވެސް، ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން އިތުރަށް އެއްބާރުލުން ހޯދުމާއި މެދު އެބޭފުޅުންނާ މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް އެބޭފުޅުންނާ މަޝްވަރާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯވ އަށް ވެސް ޒިޔާރަތް ކުރެއްވިއެވެ.