ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ރަސްމީ ދުތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ތިން ދުވަހުގެ މި ދަތުުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ރާއްޖޭގެ ތަރައްޤީގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެޤައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ޙައިސިއްޔަތުން އިންޑިއާއަށް ވަޑައިގަންނަވާ ދެވަނަ ދަތުރުފުޅެވެ. ރަސްމީ ދަތުރުފުޅެއްގައި ފުރަތަމަ އިންޑިއާއަށް ވަޑައިގެންނެވީ ވެރިކަމާ ހަވާލުވެވަޑައިގެން އަހަރު، 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެފަހަރުގެ ދަތުރުފުޅަކީވެސް ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވި ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގާ ރާއްޖެއާއ އިންޑިއާއާ ދެމެދު 4 ދާއިރާއަކުން އެއްބަސްވުން ޤާއިމުކުރިއެވެ. އެގޮތުން ވިސާގެ މައްސަލަތަކުގައި ލުއި ދިނުމާ ގުޅޭ އެއްބަސްވުމަކާއި، ސަޤާފީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަކާއި، ދަނޑުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ގުޅުންބަދަހި ކުރުމުގެ އެއްބަސްވުމެއްގެ އިތުރުން އައިސީޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައިވަނީ ސޮއި ކޮށްފައެވެ.
އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އިންޑިޔާގެ ބޮޑުވަޒީރާއި، ރައީސާއި، ނާއިބު ރައީސްގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.
އަވަށްޓެރި އިންޑިއާއިން ދަނީ ރާއްޖެއަށް އެކި ރޮނގު ރޮގުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބޮޑެތި އެހީތަކުގެ ތެރޭގައި ތިލަމާލެ ބްރިޖްގެ މަސައްކަތާ، އައްޑޫގައި ޤާއިމުކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަސައްކަތާއި، އަދި އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިނިޓީ ޑިވެލޮޕްމަންޓް" ޕްރޮޖެކްޓެ ތެރެއިން، އަތޮޅުތަކުގެ ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.