ކުޅިވަރު

މެސީގެ އެންމެ ބޮޑު ސަޕޯޓަރުގެ ވާހަކަ!


ޕްލާސްޓިކް ބާޒާރު
ކޮތަޅަކުން މެސީގެ ޖާރޒީއެއް ހަދައިގެން އެ ލައިގެން އުޅުނު ކުއްޖެއްގެ ފޮޓޯއެއް
އިންޓަރނެޓްގައި މަޝްހޫރުކަން ހޯދިފަހުން އެ ކުއްޖާ އެއީ ކާކުކަން ވަނީ
ހާމަވެފައެވެ.



ރަބަރު ކޮތަޅަކުން ހަދާފައިވާ މެސީގެ ޖާޒީއެއް
ލައިގެން އުޅުނު މި ކުއްޖާގެ ފޮޓޯ އާއްމުވީ މީގެ ހަފްތާތަކެއް ކުރިންނެވެ. ފަހަތުން ނަގާފައިވާ
އެ ފޮޓޯއިން އެއީ ކޮން ކުއްޖެއްކަމެއް، ނުވަތަ އެ ކުއްޖާގެ މޫނެއްވެސް ނުފެނެއެވެ.
އިންޓަރނެޓްގެ ޒަރިއްޔާއިން މި ފޮޓޯ އެތައް ބަޔެއްގެ ސަމާލުކަން ހޯދާފައިވަނިކޮށް،
މިހާރު އެ ކުއްޖާޔަކީ ކާކުކަން ވަނީ އެނގިފަ އެވެ. އެއީމުރްތަޒާ އަޙްމަދީ ނަމަކަކަށް ކިޔާ އަފްޣާނިސްތާނުގެ އުމުރުން 5 އަހަރުގެ ކުޑަ ކުއްޖެކެވެ.





މުރްތަޒާ އެނާގެ އާއިލާ
ގާތު އޭނާ އެންމެ ސަޕޯޓްކުރާ ފުޓްބޯޅަ ކުޅުންތެރިޔާ، ބާސެލޯނާގެ ފޯވާޑް ލިއޮނެލް
މެސީގެ ޖާރޒީއަކަށް އެދޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.



އެކަމަކު އަފްޢާނިސްތާނުގެ
އާދައިގެ އަވަށެއްކަމަށްވާ ޢަޒްނީގައި ދިރިއުޅެމުންދާ މުރްތަޒާގެ ބައްޕަ، އާރިފް
އަޙްމަދީ ބުނީ އޭނާގެ ދަރިފުޅަށް އެވަރުގެ ހަދިޔާއެއް ދެވޭވަރަށް އަތްމަތި
ތަނަވަސް ނޫންކަމަށެވެ. އޭނާ ބުނެފައިވަނީ އެ އާއިލާގެ ކެރިފޯރުންތެރިކަން
ހުރިގޮތުން، ކިތަންމެ ބޭނުންވިނަމަވެސް ދަރިފުޅަށް މެސީގެ ޖާރޒީއެއް ހޯދައިދެވެން
ނެތްކަމަށެވެ.



އެހެންކަމުން މުރަތަޒާގެ
އެއްބަނޑު އެއްބަފާ ކުދިން ގުޅިގެން ވަނީ އެމީހުންނަށް އެންމެ ބޮޑަށް ކުރެވޭނެ
ވަރެއް ކޮށްފައެވެ. އެ ކުދިން ވަނީ އަމިއްލަޔަށް މެސީގެ ޖާރޒީއެއް ހަދައިފައެވެ.
ވީޑިއޯއިން ފެންނަނީ މުރްތަޒާ ނޫ އަދި ހުދުކުލުގައި ޖާރޒީއެއް ލައިގެން ބޯޅައެއް ފަހަތުން
ދުވެ، ކުޅެއުޅޭ މަންޒަރެވެ. އެ ޖާރޒީގައި މެސީގެ ނަމާއި، ޖާރޒީ ނަންބަރު
ފަވާލެވިފައިވެއެވެ.





އާރިފް އަހުމަދީ ބުނީ
އޭނާގެ ފަސް ކުދިންގެ ތެރެއިން ދެވަނަޔަށް އެންމެ ހަގު ދަރި ހުންނަނީ މެސީއާ ހެދި
މޮޔަވެފައިކަމަށެވެ.



އާރިފް ބުނީ އޭނާގެ
ދަރިފުޅު ކޮންމެ ދުވަހަކުވެސް މެސީގެ ނަން ކިޔާކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް
ނުލާއި ހުދުގެ ރޮނގު ދަމާފައި ހުންނަ ޕްލާސްޓިކް ކޮތަޅެއް ފެނޭތޯ އޭނާގެ ދަރިފުޅު
ބަލާކަމަށްވެސް އާރިފް ބުންޏެވެ.



"އޭނާ އަހަރެން ގާތު
ބުނި މެސީގެ ނަން ޖަހާފައިން އަސްލު ޖާރޒީއެއް އޭނާޔަށް ހޯދައިދޭށޭ. އަހަރެން ބުނިން
ކިހިނެއްހެ އަހަރެން އެކަހަލަ ޖާރޒީއެއް ހޯދައިދޭނީ؟ އޭނަޔަށް ރޭގަނޑު ހޭލެވޭ
ފަހަރު ފަހަރު މެސީގެ ނަން ކިޔާ. އޭނާ ބުނޭ އަސްލުކޮށް މެސީ ދެކިލަން
ބޭނުންވެޔޭ" އަޙްމަދީ ކިޔައިދިނެވެ.



 މުރްތަޒާގެ ބައްޕަ ރޮއެޓާސްއަށް
މަޢުލޫމާތުދެމުން ބުނީ މުރްތަޒާޔަށް މީޑިޔާތަކުން ލިބެމުންދާ ސަމާލުކަމާ ގުޅިގެން
އޭނާގެ އާއިލާއިން އެކަމާ ވަރަށް ބޮޑަށް ފަޙުރުވެރިވާކަމަށެވެ. އަދި އެއީ
ހަމައެކަނި އޭނާގެ އާއިލާގެ އިތުރުން މުޅި އާފްޢާނިސްތާނަށްވެސް ލިބޭ ފަޙުރެއްކަމުގައި
މުރްތަޒާގެ ބައްޕަ އާރިފް އަޙްމަދީ ގަބޫލްކުރެއެވެ.