ޚަބަރު

އެޗްއައިވީ ޖެހިފައިވާ ހަތަރުވަނަ މީހަކު ފަސޭހަވެއްޖެ


ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެއިޑްސް ޖައްސުވާ ހިޔުމަން އިމިޔުނޯޑެފިޝެންސީ ވައިރަސް (އެޗް.އައި.ވީ) ޖެހިފައިވާ ހަތަރު ވަނަ މީހަކު ބަލިން ފަސޭހަ ވެއްޖެއެވެ. ނަން ހާމަކުރަން ބޭނުން ނުވާ އުމުރުން 66 އަހަރުގެ އެ މީހާއަށް އެޗް.އައި.ވީ. ޖެހިފައި ވަނީ 1988 ވަނަ އަހަރުއެވެ. އޭނާއަށް ފަރުވާ ކޮށްފައި ވަނީ އެމެރިކާގެ ކެލިފޯނިޔާގެ ދުއާރްޓޭގެ ހޮސްޕިޓަލެއްގައެވެ.

އޭނާއަށް ފަރުވާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރުން ބުނީ، އޭނާ ފަސޭހަވެފައި ވަނީ ލޭގެ ކެންސަރުގެ ވައްތަރެއް ކަމުގައިވާ ލޫކީމިޔާއަށް ފަރުވާ ކުރުމަށް ބޯން މެރޯ ޓްރާންސްޕްލާންޓް ހެދި ފަހުން ކަމުގައެވެ. އަދި، ބޯން މެރޯ ނަގާފައި ވަނީ ޤުދުރަތީ ގޮތުން ވެސް އެޗް.އައި.ވީ.އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކުޅަދާނަ ކަން ހުރި މީހެއްގެ ހަށިގަނޑުން ކަމުގައެވެ.

އެ މީހާ މިހާރު ވަނީ އެޗް.އައި.ވީ.އަށް ބޭސް ނެގުން ހުއްޓައިލާފައެވެ. އަދި، އޭނާގެ ހަށިގަނޑުން އެ ވައިރަސްގެ އެއްވެސް އަލާމާތެއް މިހާރު ފެންނަން ނެތް ކަމުގައި ވެސް ޑޮކްޓަރުން ބުނެއެވެ. އޭނާއަށް ލޭގެ ކެންސަރު ޖެހިފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އެ ބަލިން ވެސް އޭނާ ވަނީ ފަސޭހަވެފައެވެ.

މިއީ، އެޗް.އައި.ވީ.އިން ފަސޭހަވި އުމުރުން އެންމެ ދުވަސްވީ މީހާއެވެ. މި ވައިރަސް ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ބަލިން ފަސޭހަވެފައި ވަނީ 2007 ވަނަ އަހަރުއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު 38 އަށް މިލިޔަނަށް އަރައެވެ.