އެމެރިކާއިން ދީފާނެ ނިއުކްލިޔަރ ހަމަލާއެއް ހުއްޓުވުމާއި، ނިއުކްލިޔަރ ހަނގުރާމައެއް ހުއްޓުވުމުގެ ޤާބިލުކަން އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން ހޯދާފައިވާ ކަމުގައި އެ ޤައުމުގެ އިސްވެރިޔާ ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ. 1950-53 ވަނަ އަހަރާ ދެމެދު ހިނގި ދެ ކޮރެޔާގެ ހަނގުރާމައަށް ފަހު އެމެރިކާއިން އުތުރު ކޮރެޔާއަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކޮށްގެން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.
އުތުރު ކޮރެޔާގެ އަސްކަރިއްޔާ އިތުރަށް ބާރުވެރި ކުރުވައި، އަސްކަރީ ޤާބިލިއްޔަތުކަން އިތުރު ކުރަން މަޖުބޫރުވީ އެ ސަބަބާ ގުޅިގެން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެ ފަދަ ހަމަލާއެއް ހުއްޓުވަން އެ ޤައުމުގެ އަސްކަރިއްޔާ މިހާރު އޮތީ ތައްޔާރީ ހާލަތެއްގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އެ ޤައުމުން ނިއުކްލިޔަރ ޓެސްޓެއް ހެދުމަށް ތައްޔާރުވަމުންދާ ކަމުގައި އެމެރިކާއާއި ދެކުނު ކޮރެޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އެ ޤައުމުން އެންމެ ފަހުން މި ފަދަ ޓެސްޓެއް ހަދާފައި ވަނީ 2017 ވަނަ އަހަރުއެވެ.
ކިމް ވަނީ ދެކުނު ކޮރެޔާގެ ރައީސް ޔުން ސުކް-ޔޯލްއަށް ވެސް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ. ވިދާޅުވީ، ސުކް-ޔޯލްގެ އަމަލުތަކާ ގުޅިގެން އުތުރު ކޮރެޔާގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ކަމުގައެވެ. އަދި، ދެ ޤައުމުގެ ދެމުދުގައި ހަނގުރާމަ ފެށުމަށް ސުކް-ޔޯލްގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މިއީ، ޔުންގެ ނަން ގަނެ، އޭނާއާ ދެކޮޅަށް ކިމް ވާހަކަފުޅު ދައްކަވާފައިވާ ފުރަތަމަ ފަހަރެވެ. އުތުރު ކޮރެޔާއިން ދާދިފަހުން ވަނީ، ނިއުކްލިޔަރ ބޮން އުފުލުމުގެ ކުޅަދާނަކަން ލިބިފައިވާ ހައިޕަރސޮނިކް މިސައިލްތަކެއް ކާމިޔާބު ކަމާއެކު ޓެސްޓު ކޮށްފައެވެ. މި ޓެސްޓުތަކާ ގުޅިގެން ދެކުނު ކޮރެޔާއިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.