ޚަބަރު

މަހިންދައާއި ބަސިލް ފުރުން މަނާކުރާ ޢަމުރުގެ މުއްދަތު އިތުރުކޮށްފި


ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއި ކުރީގެ މާލީ ވަޒީރު ބަސިލް ރާޖަޕަކްސަ ފުރުން މަނާ ކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ މުއްދަތު އިތުރު ކޮށްފިއެވެ. އިސްތިޢުފާ ދެއްވާފައިވާ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ޢާއިލާގެ ދެ މެންބަރުން ކަމުގައިވާ މަހިންދައާއި ބަސިލް ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނީ ޖުލައި 15 ވަނަ ދުވަހުއެވެ.

އެ އަމުރުގެ މުއްދަތު ޖުލައި 28 ގައި ހަމަވާ އިރު، ކޯޓުން މި ވަނީ އެ އަމުރުގެ މުއްދަތު އޮގަސްޓު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ. މަހިންދައާއި ބަސިލްގެ އިތުރުން މި އަމުރުގެ ދަށުން އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަޖިތު ނިވަރްދް ކަބްރާލަށް ވެސް ވަނީ ފުރުން މަނާ ކޮށްފައެވެ. ސުޕްރީމް ކޯޓުގެ އަމުރުގެ މުއްދަތު އިތުރު ކޮށްފައިވާ ކަން ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ އެ ޤައުމުގެ ނޫހެއް ކަމުގައިވާ ނިއުސްފަރސްޓްއިންނެވެ.

މި ތިން ބޭފުޅުން ފުރުން މަނާ ކުރުމަށް އެދި އަމުރަކަށް އެދިފައި ވަނީ ސިލޯން ޗެމްބަރ އޮފް ކޮމަރސްގެ ޗެއަރމަން ޗަންދްރާ ޖަޔަރަތުނައާއި، މަޝްހޫރު ފެތުންތެރިޔާ ޖޫލިއަން ބޮލިންގްއާއި އަދި ޖީހާން ކަނަގަރަތުނަގެ އިތުރުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ސްރީލަންކާ ގުޅިގެންނެވެ.

އެ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާގެ ޒިންމާ އެ ބޭފުޅުން އުފުއްލަވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި، އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަންޏަށް ޑިފޯލްޓްވެފައި ވަނީ އެ ބޭފުޅުންގެ ދޯހަޅި މާލީ ސިޔާސަތުތަކުގެ ސަބަބުން ކަމުގައި އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ބަސިލް ރާޖަޕަކްސަ ވަނީ މީގެ ކުރިން ފިއްލަވައިގެން ޤައުމު ދޫކުރައްވައި ވަޑައިގަންނަވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް، އޭނާ އެއަރޕޯޓުގައި ހުންނަވަނިކޮށް އެހެން ފަސިންޖަރުންނާއި އެއަރޕޯޓުގެ އޮފިޝަލުން މުޒާހަރާ ކުރުމުން އެ ޤައުމުގެ އިމިގްރޭޝަން އިދާރާއިން ވަނީ އޭނާ ފުރުމަށް ހުރަސް އަޅާފައެވެ.

ނަމަވެސް، އޭނާގެ ބޭބޭފުޅު އަދި ކުރީގެ ރައީސް ގޮތަބަޔަ ވަނީ ޖުލައި 13 ވަނަ ދުވަހު ފިއްލަވައިގެން ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަންނަވާފައެވެ. އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ. ސިންގަޕޫރުން ބުނީ، ގޮތަބަޔަ އެ ޤައުމަށް އެތެރެވެ ވަޑައިގަންނަވާފައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމުގައެވެ. އަދި، އޭނާއަށް އެ ޤައުމުގައި ހުރެވޭނެ މުއްދަތު އޮގަސްޓު 11 ވަނަ ދުވަހާ ހަމައަށް ސިންގަޕޫރުން ވަނީ އިތުރު ކޮށްދީފައެވެ.

ރާޖަޕަކްސް އިސްތިޢުފާ ދެއްވުމާ ގުޅިގެން އޭނާގެ ދަށުން ބޮޑުވަޒީރުގެ މަޤާމު ފުރުއްވަމުން ގެންދެވި ރަނިލް ވިކްރަމަސިންހަ ވަނީ ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައެވެ. ރާޖަޕަކްސަގެ ސަރުކާރަށް ސްރީލަންކާގެ މާލީ ކަންކަން ބެލެހެއްޓުމުގައި ނުކުޅެދުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ވަނީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ.